ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ތާރީޚީ ރެކޯޑަކާއެކު، މިއަހަރު އޯ ލެވެލް ފާސްވި ދަރިވަރުންގެ ތެރެއިން 3200 ދަރިވަރުން އޭ ލެވެލް ކިޔެވުން ފަށައިފިއެވެ. މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރެއްވި ގޮތުގައި، މިފަދަ ބޮޑު ބަދަލެއް އައިސްފައިވަނީ ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް، މިދިޔަ މަހު ގެނެވުނު އިސްލާހުތަކުގެ ސަބަބުންނެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ދަށުން އޭ ލެވެލްއަށް ދަރިވަރުން ވެއްދުމަށް ތިން މަގު ހުޅުވިފައިވެއެވެ. އެކަޑެމިކް ސްޓްރީމްތަކުގެ އިތުރުން ވޮކޭޝަނަލް އެޑިއުކޭޝަން އަދި މަސައްކަތުގެ މާހައުލުގައި ކިޔެވޭ އެޕްރެންޓިޝިޕް ޕްރޮގްރާމްތައް މިހާރު ލިބެން ހުރެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުން އޭ ލެވެލް ކިޔަވައިދިނުމަށް ބޮޑު ޝައުގުވެރިކަމެއް ދައްކަމުންދާތީ، މިއަހަރު އިތުރު ސްކޫލްތަކެއްގައި މި ޕްރޮގްރާމް ފަށާފައިވެއެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.
އޭ ލެވެލް ފެށި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ސްކޫލް ނިޒާމުގެ އެންމެ ފަހު މަރުހަލާ ކަމަށާއި، ޔުނިވަރސިޓީއަށް ދިއުމަށް ނުވަތަ ވަޒީފާގެ މާހައުލަށް ނުކުތުމަށް ނުވަތަ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ހުރިހާ ހުނަރުތަކާއި ގާބިލިއްޔަތުތައް މި މަރުހަލާއިން ލިބޭނެ ކަމަށެވެ.
ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން މަތީ ސާނަވީ ތަޢުލީމު ދެ ޕާތްވޭއަކަށް ބަހާލައި، އެކަޑެމިކް ކިޔެވުމުގެ އިތުރުން ވޮކޭޝަނަލް ތަޢުލީމު ވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ޕްރޮގްރާމްތައް ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ