މިދިޔަ ހަފްތާ އެމްޕީއެލްއިން 1,306 ކޮންޓެއިނަރު ކްލިއަރކޮށްފި، އެންމެ ގިނައީ ބިސް

މިދިޔަ ހަފްތާ އެމްޕީއެލްއިން 1,306 ކޮންޓެއިނަރު ކްލިއަރކޮށްފި، އެންމެ ގިނައީ ބިސް

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 10:01
0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 1,306 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ މަޢުލޫމާތަށް ބަލާއިރު، ކްލިއަރކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނޭކަމަށް ވަނީ ބުނެފައެވެ. މި ކޮންޓެއިނަރުތަކުގައި ގިނަ ޢަދަދެއްގެ ކާބޯތަކެތީގެ ބާވަތްތައް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ އެންމެ ގިނައިން އިމްޕޯޓްކޮށްފައިވާ ބާވަތަކީ ބިހެވެ. ޖުމްލަ 11,730 ޕެކޭޖުގެ ބިސް ގެނެސްފައިވާއިރު، ދެވަނައަށް ގިނައިން ގެނެސްފައިވަނީ 7,160 ޕެކޭޖުގެ ފިޔާއެވެ. އަދި 5,721 ޕެކޭޖުގެ ކަރާ، 4,559 ޕެކޭޖުގެ އަލުވި އަދި 3,636 ޕެކޭޖުގެ ޓޮމާޓޯ ވެސް ގެނެސްފައިވާކަން ރެކޯޑްތަކުން ދައްކައެވެ.

މީގެ އިތުރުން، ތާޒާ މޭވާތަކުގެ ގޮތުގައި 2,640 ޕެކޭޖުގެ އަލަނާސި، 2,743 ޕެކޭޖުގެ ކެބެޖް، 1,835 ޕެކޭޖުގެ ދޮންކެޔޮ، 1,017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވިޓް މެލަން ވެސް މިދިޔަ ހަފްތާ ރާއްޖެ އެތެރެކޮށްފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

ރާއްޖޭގެ މައިގަނޑު ބަނދަރުގެ ގޮތުގައި ހިދުމަތް ދެމުންދާ އެމްޕީއެލްއިން ކޮންމެ ހަފްތާއަކު ވެސް މިފަދަ ގިނަ ޢަދަދެއްގެ ކޮންޓެއިނަރު ކްލިއަރކޮށް، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.