ކ. ތިލަފުށީގައި ލޮރީއެއް ދަށުވެ ސްރީލަންކާ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ލޮރީ ޑްރައިވަރު، ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:15 ގައި ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ އުމުރުން 53 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ހާދިސާ ހިނގީ އޭނާ ހައިމާކެއް ކައިރީ މަސައްކަތްކުރަން ހުރިހިނދު، ލޮރީއަކުން ޖެހި ވެއްޓުމަށްފަހު އޭނާގެ ގައިމަތިން ލޮރީ ދިއުމުންނެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ 28 އަހަރުގެ ވިގްނޭޝް އަންނަޑުރާއީއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކީ، ހާދިސާގެ ސަބަބުން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، އޭނާ މަޑުނުކޮށް އެ ސަރަހައްދުން ފިލިކަމުގެ ތުހުމަތެވެ.
ނަމަވެސް ކޯޓުން ވިގްނޭޝް ދޫކޮށްލީ، ފުލުހުން ކުރި ތުހުމަތާ ގުޅޭގޮތުން އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ، އެއްވެސް ޝަރުތެއް ނެތިއެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، ފުލުހުން ވެސް ކޯޓުގައި ބުނެފައިވަނީ ތުހުމަތާ ގުޅޭ ހެއްކެއް ހުށަހެޅުމަށް ތައްޔާރުވެފައި ނުވާ ކަމަށެވެ.
ހާދިސާގައި އަނިޔާ ލިބުނު ސްރީލަންކާ މީހާ މިވަގުތު އައިޖީއެމްއެޗްގެ ވޯޑުގައި ފަރުވާ ދެމުން ގެންދާއިރު، އޭނާގެ ހާލަތާއި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ