ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ހިންގުމަށް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އައު ތަނެއް ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިދިޔަ ބުދަ ދުވަހު އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތުގައި ހިންގަމުން އައި އެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ އެ އިމާރާތުގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައިވާތީއެވެ.
އަރަބިއްޔާ އިމާރާތް ތަޅާލަން ނިންމާފައިވާތީ، ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު ކޯ އަށް އެތަން ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނޯޓިސް ދީފައިވާކަން މިނިސްޓަރު ޝަފީއު ހާމަކުރެއްވިއެވެ. ނަމަވެސް މި މައްސަލައަށް ހައްލެއް ވަރަށް އަވަހަށް ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައި، ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.
ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމާއި ސްކައުޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގައެވެ. މިހާތަނަށް ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވީ، ވަކި އިމާރާތެއް ނެތި އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުންދާ ހާލަތަކީ ކަންކަން ވާންޖެހޭނެ ގޮތެއް ނޫންކަމުގައެވެ.
ކުރިއަށް އޮތްތަނުގައި ސްކައުޓް ހަރަކާތްތައް ތަރައްގީކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވާފައިވެއެވެ. މިގޮތުން ސްކައުޓް ހަރަކާތްތަކަށް ދާއިމީ ތަނެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، މި ހަރަކާތްތައް ޒުވާނުންގެ މެދުގައި ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ