ނޭޕާލްގައި ސަރުކާރާ ދެކޮޅަށް ހިންގި ހަރުކަށި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން މުޒާހިރާތައް ރޫޅާލުމުގެ ތެރޭގައި 51 މީހަކު މަރުވެފައިވާކަމަށް އެ ޤައުމުގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ޖެންޒީ ކޮމިއުނިޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އިހުތިޖާޖުތަކުގެ ނަތީޖާއެއްގެ ގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ސިއްޙީ ވުޒާރާގެ މަޢުލޫމާތު ދައްކާގޮތުން، މަރުވި 51 މީހުންގެ ތެރެއިން 30 މީހަކު ނިޔާވެފައިވަނީ ސީދާ ބަޑިޖެހުމުގެ ސަބަބުންނެވެ. ބާކީ 21 މީހުން ދުނިޔެ ދޫކޮށްފައިވަނީ މުޒާހަރާތަކުގައި ލިބުނު އެކި ބާވަތުގެ އަނިޔާތަކާ ގުޅިގެން ބޭސްފަރުވާ ހޯދަމުން ދަނިކޮށެވެ.
މަރުވި މީހުންގެ ލިސްޓުގައި ނޭޕާލް ފުލުހުންގެ 3 އޮފިސަރުންނާއި އިންޑިޔާގެ ރައްޔިތެއްވެސް ޝާމިލުވެއެވެ. މިހާތަނަށް 36 މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ކުރުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
ޖެންޒީ ކޮމިއުނިޓީގެ ޙައްޤުތަކާ ގުޅޭ މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފެށި މި މުޒާހަރާތައް ދުވަސްތަކެއް ވަންދެން ކުރިއަށް ދިޔައިރު، ޤައުމީ ފެންވަރުގައި ސިޔާސީ ހަލަބޮލިކަމެއް އުފެދި، ސަރުކާރުގެ މައްޗަށް ބާރު ބޮޑުވުމުން ބޮޑުވަޒީރަށް އިސްތިއުފާ ދިނުމަށް މަޖުބޫރުވިއެވެ. މި ހާދިސާތަކަކީ ނޭޕާލްގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަމެއް ކަމުގައި ސިޔާސީ ތަޙުލީލުވެރިން ދެކެއެވެ.
ކޮމެންޓު ފޮނުވާ