މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް މިއަދުން ފެށިގެން އެއް ޢިމާރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ. ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ މާލެ ސިޓީ ހޯލުން މިހާރު ކައުންސިލްގެ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ވިދާޅުވެފައެވެ.
ކުރިން މާލޭގެ ތަފާތު ސަރަޙައްދުތަކުގައި ބެހިފައި ހުރި ނުވަ ވަކިވަކި ޢިމާރާތަކުން ޚިދުމަތް ހޯދުމަށް ރައްޔިތުން ދަތުރުކުރަންޖެހި، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް މި ބަދަލުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. "ކުރެވޭނެ ކުރާނަން" މި ޝިޢާރުގެ ދަށުން މޭޔަރުކަމުގެ މަޤާމާ ޙަވާލުވުމަށްފަހު ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި މިކަން ކާމިޔާބު ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ "ލޯތްބާއެކު، އުފަލުން ތިބެ، އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑު ފަށައިފައިވާ މަސައްކަތަށް މީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ" ކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ އަވަސް، އިޚުލާޞްތެރި ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް މާލެ ސިޓީ ކައުންސިލް ބަދަލުވެގެންދާނެ ކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
އެއް ޢިމާރާތަކަށް ޚިދުމަތްތައް ބަދަލުކުރުމުގެ ސަބަބުން ކައުންސިލަށް ހިނގާ ޚަރަދު ކުޑަވެ، ޚިދުމަތް ދިނުން އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއެކު، އިދާރީ ހިންގުމަށްވެސް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި އިންތިޒާމުގެ ދަށުން އެއް ތަނަކުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން، ކައުންސިލް ބިއުރޯ، ފައިނޭންސް އަދި ރޯޑް މެނޭޖްމަންޓްގެ ޚިދުމަތްތައް ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ކޮންކްރީޓް މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. 2026 ވަނަ އަހަރު މި ޢިމާރާތުގެ މަސައްކަތް ފުރިހަމަ ކުރުމާއެކު، ރާއްޖޭގެ އެންމެ ބޮޑު ކައުންސިލަށް އަމިއްލަ ޢިމާރާތެއް ނެތުމުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.
ކޮމެންޓު ފޮނުވާ