ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށައެޅުމެއް ލިބިފައިވެއެވެ. އެ ހުށައެޅުމާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ނަމަވެސް މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މިދިޔަ މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވީ ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެ މުހިންމު ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކުރެވެއެވެ.
މި ދެ ބިލަކީ ރައްޔިތުންގެ އާންމު ވޯޓު ނެގުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ބިލާއި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލެވެ. މީގެ ތެރެއިން ރައްޔިތުންގެ އާންމު ވޯޓު ނެގުމާ ގުޅޭ ބިލު މިހާރު ވަނީ ކޮމިޓީ މަރުޙަލާ ނިންމައި، ކޮމިޓީން ފާސްކޮށްފައެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ މަސައްކަތް އަދިވެސް ކޮމިޓީ ލެވެލްގައި ކުރިއަށް އެބަދެއެވެ.
ދައުރުން ބޭރުން ބާއްވާ މި ޖަލްސާގައި ކޮން ކަންކަމެއް އެޖެންޑާ ކުރެވޭނެކަން އަދި ސާފެއް ނުވި ނަމަވެސް، ކޮމިޓީން ނިންމާފައިވާ ބިލުތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ