ޖުޑިޝަރީއަށް ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކަނޑައެޅުމަށް ރައީސް ނިންމެވުމުން ސުޕްރީމް ކޯޓުން މަރުހަބާ ކިޔައިފި

ޖުޑިޝަރީއަށް ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކަނޑައެޅުމަށް ރައީސް ނިންމެވުމުން ސުޕްރީމް ކޯޓުން މަރުހަބާ ކިޔައިފި

Author
ހުސައިން
11 ސެޕްޓެމްބަރ 2025 07:02
0

ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ޚާއްޞަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް މިއަދު އިއުލާނު ކުރެއްވުމާއި ގުޅިގެން މި ތާރީޚީ ނިންމެވުމަށް ސުޕްރީމް ކޯޓުން މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވިދާޅުވެފައިވަނީ، ޖުޑިޝަރީގެ މުސްތަގިއްލުކަން ހިފެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަކީ މާލީ އިސްތިގުލާލިއްޔަތު ހޯދުން ކަމުގައިވާތީ، މި މައްސަލައާ ބެހޭގޮތުން ކެބިނެޓުގެ އިއްޔެގެ ޖަލްސާގައި ތަފްސީލީ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ޖުޑިޝަރީއަށް ކަނޑައަޅާ މި ޕަސެންޓަކީ މިހާރު އެ ދާއިރާއަށް ދެވެމުންދާ ބަޖެޓު ސީލިންގަށްވުރެ އިތުރު އަދަދަކަށްވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ބްލޮކް ގްރާންޓެއްގެ ސިފައިގައި މި ފައިސާ ދޫކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މި ބަދަލު ގެނައުމަށް ބޭނުންވާ ގާނޫނީ، ފަންނީ އަދި ނިޒާމީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ، މި ނިންމެވުމަކީ ޖުޑިޝަރީގެ ތަރައްގީއާއި އިސްތިގުލާލިއްޔަތު ދަމަހައްޓައި، ހަރުދަނާ ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. ކޯޓުން ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ޖުޑިޝަރީ ދިމާވެފައިވާ މާލީ ދަތިތަކަށް ލުއިފަސޭހަ ލިބި، އަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖުޑިޝަރީގެ މިނިވަންކަމަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް ރައީސް މުއިއްޒު ކުރައްވަމުންދާ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ވަނީ އިހުތިރާމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ނިންމެވުން ދެމެހެއްޓެނިވި ސިޔާސަތަކަށް ބަދަލުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތަރައްގީކުރުމަށް އެހީތެރިވާނެ ކަމަށް ވެސް ކޯޓުން ވަނީ ޔަގީންކަން ދެއްވާފައެވެ.

ޝަރުއީ ދާއިރާގެ ފަރާތްތަކުން ދިގު ދުވަސްވީތާ ފާހަގަކުރަމުން އައިސްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، މާލީ މިނިވަންކަން ނެތުމުން އެ ދާއިރާގެ މަސައްކަތްތަކަށް ދިމާވާ ދަތިތަކެވެ. މި ނިންމެވުމާއެކު، ޖުޑިޝަރީއަށް ފުރިހަމަ މުސްތަގިއްލުކަމާއެކު މަސައްކަތްކުރެވޭނެ މާހައުލު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.