ގއ. ކަނޑުހުޅުދޫ އަދި ކޮނޑޭގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މިއަދު ފެށިގެން ދޭންފެށުމުން، ގއ. އަތޮޅުގައި މީހުން ދިރިއުޅޭ އެންމެހައި ރަށްރަށުގައި މި ހިދުމަތް ލިބެން ފެށިއްޖެއެވެ. މިއީ ރާއްޖޭގެ އެންމެހައި ރަށްރަށުގައި ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށް ގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
މި ދެ ރަށުގައި އޭޓީއެމް ހިދުމަތް ރަސްމީކޮށް ހުޅުވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަބްދުﷲ ހަބީބް، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ބޭންކުގެ އެހެނިހެން އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަލަށް ގާއިމްކުރެވުނު މި އޭޓީއެމް ސެންޓަރުތަކުގެ ޒަރީޢާއިން ރައްޔިތުންނަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިންގ ހިދުމަތްތައް ދުވާލުގެ 24 ގަޑިއިރު ލިބެން ހުންނާނެއެވެ. މިއީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްވި އިތުރު ކުރިއެރުމެކެވެ.
ބީއެމްއެލްގެ މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އިތުރުން، ރައްޔިތުންނަށް ޒަމާނީ ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދީ، އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމެވެ.
ކޮމެންޓު ފޮނުވާ