ފިޓްނަސް ޓެސްޓަށް ހާޒިރުނުވުމުން މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ ޔަޝްމު ހޭންޑްބޯޅަ ގައުމީ ޓީމުން ވަކިކޮށްފި

ފިޓްނަސް ޓެސްޓަށް ހާޒިރުނުވުމުން މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ ޔަޝްމު ހޭންޑްބޯޅަ ގައުމީ ޓީމުން ވަކިކޮށްފި

Author
ހުސައިން
11 ސެޕްޓެމްބަރ 2025 01:41
0

މެލޭޝިއާގައި ތަމްރީނުކޮށް މާލެ އައުމަށްފަހު ފިޓްނަސް ޓެސްޓަށް ހާޒިރުނުވުމުން، ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި މުހައްމަދު ޔަޝްމު އަހުމަދު ހޭންޑްބޯޅަ ގައުމީ ޓީމުން ވަކިކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި އޭނާ ހާމަކޮށްފި އެވެ.

ޔަޝްމު ހާމަކުރިގޮތުގައި، މެލޭޝިއާގައި ހެދި ތަމްރީނުތަކަކީ ހޭންޑްބޯލް މޯލްޑިވްސްގެ ހުއްދައާއެކު ހެދި ތަމްރީނުތަކެއް ކަމަށެވެ. ވިސާގެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު މާލެ އައުމަށްފަހު، ހޮނިހިރު ދުވަހު ފިޓްނަސް ޓެސްޓެއް ހެދުމަށް އެސޯސިއޭޝަނުން އޭނާއަށް އެންގި ނަމަވެސް، ދަތުރުކޮށް އައިތާ ގިނަ ވަގުތެއް ނުވާތީ އެ ވަގުތު ޓެސްޓް ހެދުމަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށް އޭނާ ބުނެ އެވެ.

ޔަޝްމުގެ މަންމަ އަދި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯ މެންބަރު މުއުމިނާ އާދަމް (މޫންޓީ) ހާމަކުރިގޮތުގައި، ފިޓްނަސް ޓެސްޓް ހެދުމަށް ޔަޝްމުއަށް ދެވެން ނެތްކަން އެންގުމުން، ޓެސްޓް ނުހަދާ ނަމަވެސް އެތަނަށް ހާޒިރުވެ ހުންނަން އެސޯސިއޭޝަނުން އަންގާފައިވެ އެވެ. އެހެންނަމަވެސް ޔަޝްމު އެތަނަށް ހާޒިރުނުވުމުން، ގައުމީ ޓީމުން އޭނާ ވަކިކުރިކަން އަންގާފައިވާ ކަމަށް މޫންޓީ ބުންޏެވެ.

ކްލަބް ލެވެލްގައި ޔަޝްމުއަށް އިރުޝާދު ދިން ކޯޗަކު މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، މެލޭޝިއާގައި ރަނގަޅު ތަމްރީނުތަކެއް ހަދާފައި އައި ކުޅުންތެރިޔަކު، ޓެސްޓަށް ހާޒިރުނުވީ ކަމަށް ބުނެ ގައުމީ ޓީމުން ވަކިކުރުމަކީ ހަރުކަށި ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅެންވާނީ މަގުބޫލު ސަބަބެއް ދައްކައިގެން ކަމަށް އޭނާ ފާހަގަކުރި އެވެ.

މޫންޓީ ފާހަގަކުރިގޮތުގައި، ކުޅުންތެރިންގެ ކޯޑް އޮފް އެތިކްސްއެއް ހަދާފައިވާނަމަ، މި ފިޔަވަޅު އެޅީ އޭގެ ކޮން މާއްދާއަކުން ކަން އެސޯސިއޭޝަނުން ސާފުކޮށްދޭންޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެންގުމެއް ލިބިފައިނުވާކަން އޭނާ ހާމަކުރި އެވެ.

ޔަޝްމު ބުނިގޮތުގައި، މެލޭޝިއާގައި ހެދި ތަމްރީނުތަކާއި އެގައުމުގައި ކުޅުނު މުބާރާތުގެ މައުލޫމާތު އެސޯސިއޭޝަނަށް ގަވާއިދުން އަންގާފައިވާނެ އެވެ. އަދި މެލޭޝިއާގައި ހޭދަކުރި ދެމަހާ ބައިގެ މުއްދަތުގައި، އޭނާގެ ހާޒިރީއަށް ބަލައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ އިނާޔަތްވެސް އޭނާއަށް ދީފައިވާކަން ޔަޝްމު ފާހަގަކުރި އެވެ.

ގައުމީ ޓީމުގެ ކޯޗިން ޕެނަލްގައި އިސްކޮށް މަސައްކަތްކުރާ ހުސައިން އަޒްހަމް ބުނީ، މި މައްސަލައިގައި ރަސްމީކޮށް މައުލޫމާތު ދޭނީ އެސޯސިއޭޝަނުން ކަމަށެވެ. ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އެސޯސިއޭޝަނުން ފޮރުވާނެ އެއްވެސް ކަމެއް ނެތްކަމަށާއި، މި މައްސަލަ ސާފުކުރުމަށް ބަޔާނެއް ނެރޭނެ ކަމަށެވެ.

ޔަޝްމުއަކީ އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ކުޅުންތެރިޔާ އެވެ. އޭނާ ބުނިގޮތުގައި، ގައުމީ ޓީމުން ވަކިކުރި ސަބަބާ ބެހޭގޮތުން އެކި ވާހަކަތައް އަޑުއިވެމުންދާއިރު، ޓެސްޓް ހަދަން ނުދިޔަ މައްސަލައިގެ އިތުރުން އެހެން ސަބަބުތައްވެސް ބައެއް ކޯޗުން ފެންމަތިކުރަމުންދާކަމަށް އޭނާ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.