އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ގއ. ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ރޭ ފުލުހުން ހައްޔަރުކުރުމަށްފަހު، މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލުމަށް އަމުރުކޮށްފިއެވެ.
ކުރީގެ ނޫސްވެރިޔާ ކަމުގައިވެސް ހަރަކާތްތެރިވި ހުސައިން ހަސަން ހައްޔަރުކުރީ، ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ފޮޓޯ ނެގުމާ ގުޅިގެންނެވެ. ފުލުހުންގެ މައުލޫމާތުގައި ވާގޮތުން، އޮޕަރޭޝަން ކުރިއަށްދިޔަ ސީންއަށް ހުސައިން ވަދެ ފޮޓޯ އަދި ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތިނުވާނޭ ގޮތަކަށް އަމަލު ބެހެއްޓުމަށް ނަސީހަތްތެރިވިކަމަށާއި، ނަމަވެސް އޭނާ އެކަމާ ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި، ހުސައިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ހުސައިންގެ ގާތްތިމާގެ މީހުން ދިން މައުލޫމާތުގައި، އޭނާ ހައްޔަރުކުރީ ނެގި ފޮޓޯ ޑިލީޓްކުރުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކުރުމުންނެވެ. އަދި ހައްޔަރުކުރުމަށްފަހު ވޭންއަށް އަރުވައި އޭނާއަށް އަނިޔާކުރިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ގާނޫނީ ގޮތުން ބަލާއިރު، ރާއްޖޭގައި އާންމު ތަންތާގައި ފޮޓޯ އަދި ވީޑިއޯ ނެގުމަކީ މަނާކަމެއް ނޫނެވެ. އަދި ނެގިފައިވާ ފޮޓޯ ނުވަތަ ވީޑިއޯ ޑިލީޓްކުރުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެސް ނުވެއެވެ.
ހުސައިންއަށް ފުލުހުން އަނިޔާކުރިކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އަދި އެ މުއައްސަސާއިން ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ