އިސްރާއީލުގެ ބޮޑިވަޒީރު ނަތާންޔާހޫ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވެން ޖެހޭ: ކަމުގައި ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލަސާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިސްރާއީލުން ޤަތަރަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ސީއެންއެންއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލަސާނީ ވިދާޅުވީ އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއަކީ މުޅި މެދުއިރުމަތީ ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި، މި ކަމާ ގުޅިގެން ސަރަހައްދުގެ ގައުމުތަކާ އެކު ވަރަށް ގާތުން މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. މި ހަމަލާއަށް ސަރަހައްދީ ފެންވަރުގައި އެކަތި ޖަވާބެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ މުޅި ސަރަހައްދަށް ނުރައްކާ ކުރިމަތިކޮށްފައިވާ މީހެއް ކަމަށް ބުނެ، އަލަސާނީ ވިދާޅުވީ ނަތަންޔާހޫ މެދުއިރުމަތީ ސަރަހައްދު ހަލަބޮލިކޮށް، ފިތުނަ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގަތަރުގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، އިސްރާއީލުން ކުރަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މާނަހުރި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މި ޓެރަރިސްޓް ހަމަލާއާ ބެހޭ ގޮތުން ސަރަހައްދީ ބައްދަލުވުމެއް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.
މީގެ އިތުރުން، ސަރަހައްދުގެ ގައުމުތަކުން ޤާނޫނީ ޓީމެއް އެކުލަވާލައި، ނަތަންޔާހޫގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ދަޢުވާ އުފުލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ގަތަރުގެ ބޮޑުވަޒީރު މަޢުލޫމާތު ދެއްވިއެވެ. މި ފިޔަވަޅުތަކަކީ އިސްރާއީލުގެ އަމަލުތަކަށް ޒިންމާވާން މަޖުބޫރުކުރުވުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް އަލަސާނީ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ