ހެކިންނަށް ނުފޫޒު ފޯރުވާ މައްސަލައެއްގައި މާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދަނީ

ހެކިންނަށް ނުފޫޒު ފޯރުވާ މައްސަލައެއްގައި މާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދަނީ

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 01:25
0

ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ވަނީ، ޝަރީއަތުގައި ހެކިބަސް ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ހެކިބަސް ބަދަލުކުރުވަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް މާލޭގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޝަން ހިންގަމުންދާ ކަމަށެވެ.

ލިބޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އޮޕަރޭޝަނަކީ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިފައިވާ އޮޕަރޭޝަނެކެވެ. އެހެންނަމަވެސް، ފުލުހުންގެ ފަރާތުން މި ވަގުތު އެ ތަފުސީލުތައް ހާމަކޮށްދީފައެއް ނުވެ އެވެ. ފުލުހުން ވަނީ އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް މީޑިއާއާ ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓުތައް ދައްކާ ގޮތުން، ހަތިޔާރު ގެންގުޅޭ ފުލުހުންގެ ޚާއްސަ ޔުނިޓުތަކުން މާލޭގެ އެކި ގެތަކާއި ތަންތަން ބަލައި ފާސްކުރަމުން ގެންދެ އެވެ. މީގެ އިތުރުން، މާފުށީ ޖަލުގައި ވެސް ރެއިޑް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދޭއިރު، ފުލުހުންގެ ފަރާތުން އަދި އެ ކަންކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މި އޮޕަރޭޝަން ގުޅިފައިވާ މައްސަލައިގެ ތަފުސީލުތަކާއި، ހައްޔަރުކުރެވޭ ފަރާތްތަކުގެ އަދަދު ފަދަ މައުލޫމާތުތައް ފުލުހުން ހާމަކުރާނީ އޮޕަރޭޝަން ނިމުމުން ކަމަށް ވަނީ އަންގާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.