ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު ހުސައިން ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު ހުސައިން ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
11 ސެޕްޓެމްބަރ 2025 08:18
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ފުލުހުންގެ އެންގުންތަކަށް އިޖާބަ ނުދިނުމުގެ ތުހުމަތުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ވިލިނގިލި ދާއިރާ ތަމްސީލުކުރައްވާ ހުސައިން ހަސަން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައި ބުނެފައިވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަން ކުރިއަށްދަނިކޮށް، ހުސައިން ހަސަން އެ ސަރަހައްދަށް ވަދެ، އޮޕަރޭޝަންގެ ތެރެއިން ފޮޓޯ ނަގަން ފަށައިފި ކަމަށެވެ. މި ހާލަތުގައި ފުލުހުން އޭނާއަށް ނަސޭހަތްތެރިވެ، އޮޕަރޭޝަންގެ މަސައްކަތަށް ދަތިނުވާނެ ގޮތަކަށް ޢަމަލުކުރުމަށް އެންގި ނަމަވެސް، އޭނާ އެކަމާ ޖަދަލުކޮށް، ފުލުހުންގެ އިރުޝާދުތަކާ ޚިލާފަށް ޢަމަލުކުރަމުން ގެންދިޔަ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

އޮޕަރޭޝަންގެ ސަރަހައްދުގެ ތެރެއަށް ފުލުހުންގެ އެންގުމާ ޚިލާފަށް ވަދެ، ހެކީގެ ގޮތުގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރިކަން ފުލުހުން ބުނެއެވެ. މިކަމުގެ ސަބަބުން އޭނާ ހައްޔަރުކުރީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި، ހުސައިން ހަސަން ހައްޔަރުކުރީ ބާރުގެ ނާޖާއިޒު ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައިވެއެވެ. އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުސައިން ހަސަންއަކީ މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި ބޭފުޅެއް ކަމަށާއި، މިހާރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލުކުރައްވާ މެންބަރެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.