މީޑިއާ ބިލަށް އޭޖީ އޮފީހުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފި

މީޑިއާ ބިލަށް އޭޖީ އޮފީހުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 08:11
0

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަށް ބަންޑާރަނައިބުގެ އޮފީހުން ފުޅާދާއިރާއެއްގައި އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ. މިހާރު ކޮމެޓީ މަރުހަލާގައި އޮތް މި ބިލަށް ހުށަހެޅި އިސްލާހުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އެންމެ މުހިންމު ބަދަލަކީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މާއްދާތަކާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުމެވެ. މިއީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަކަށް ގާނޫނު އެކުލަވާލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.

މީޑިއާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް އޭޖީ އޮފީހުން ހުށަހަޅުއްވައިފިއެވެ. އިސްލާމްދީނާ ޚިލާފު ވާހަކަތަކާއި އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކޮމިޝަނުގެ ޒިންމާތަކުގެ ތެރެއަށް އިތުރުކުރުމަށް ހުށަހަޅުއްވާފައިވެއެވެ. އަދި ކޮމިޝަނުގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކޮށް، ކޮމިޝަނުގެ މިނިވަންކަން އިތުރަށް ބަދަހިކުރުމަށް ވެސް ހުށަހަޅުއްވައިފިއެވެ.

ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކަށް ވެސް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައިވެއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށް ހުށަހަޅުއްވާފައިވާއިރު، މިއީ ކޮމިޝަނުގެ މިނިވަންކަމާއި ނިޔުޓްރަލްކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފެނެއެވެ.

މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް ވެސް އިސްލާހުތަކެއް ހުށަހަޅުއްވާފައިވެއެވެ. ތެދު މައުލޫމާތު ހާމަކުރުމާއި، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން މި މިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ. މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް އައު މާއްދާއެއް އިތުރުކުރުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.

ކޮމިޝަނުގެ މާލީ ކަންކަން ހަރުދަނާކުރުމަށްޓަކައި، ކޮމިޝަނުގެ ލަފައާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވަކި މިންވަރެއް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ސާފުކޮށް ބަޔާންކުރުމަށް ވެސް އޭޖީ އޮފީހުން ހުށަހަޅުއްވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނި ގޮތުގައި މި އިސްލާހުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމާއެކު މީޑިއާގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައިވާ އިސްލާހުތަކެކެވެ. މި ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ކަމަށާއި، ހުށަހެޅިފައިވާ އިސްލާހުތަކާ މެދު ކޮމެޓީން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.