ބީއެމްއެލް އާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރީސައިކަލް ކުރުމުގެ މަޝްރޫއެއް ފެށުމަށް އެއްބަސްވެއްޖެ

ބީއެމްއެލް އާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރީސައިކަލް ކުރުމުގެ މަޝްރޫއެއް ފެށުމަށް އެއްބަސްވެއްޖެ

Author
ހުސައިން
10 ސެޕްޓެމްބަރ 2025 06:20
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ތެރެއިން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގައި ޕްލާސްޓިކް ރީސައިކަލް ކުރުމުގެ ނިޒާމު ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މޯޕާއިން ހިންގަމުންދާ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އައު ތަރައްގީތަކެއް ގެނެވޭނެއެވެ. އޭގެ ތެރޭގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރު މެޝިންތައް ބެހެއްޓުމާއި، ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ރީސައިކްލިން ސެންޓަރުތަކަށް އެކްސްޕޯޓް ކުރުމުގެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މޯޕާއާ ގުޅިގެން މިފަދަ މުހިންމު މަޝްރޫއެއް ހިންގުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. "ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ފެންވަރު މަތިކޮށް، ބޭރު ގައުމުތަކުގެ ފެސިލިޓީތަކަށް އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްގެން، އަޅުގަނޑުމެން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ހިއްސާއެއް ކުރަމުންދާނަމެވެ. މިއީ ތިމާވެށި ހިމާޔަތް ކުރުމަށް އަމަލީ ފިޔަވަޅު އެޅުމުގެ ރަނގަޅު މިސާލެކެވެ،" ޝަރީފް ވިދާޅުވިއެވެ.

މޯޕާގެ ރައީސް އަހުމަދު މައުމޫން ފާހަގަކުރެއްވީ، ބީއެމްއެލްގެ އެހީތެރިކަމާއެކު މި މަޝްރޫއު ފެށުމަކީ ރާއްޖޭގެ ރީސައިކްލިން އިންޑަސްޓްރީއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. "އައު ފެސިލިޓީ ގާއިމުވުމުން އަޅުގަނޑުމެންނަށް މާ ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި މެޓީރިއަލްއަށް ބަދަލުކުރެވޭނެއެވެ. މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ،" މައުމޫން ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ބީއެމްއެލްގެ ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޚާއްސަ މަޝްރޫއެކެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އީއެންވީ ކާޑު މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ވަކި އިންސައްތައެއް ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކަށް ޚަރަދުކުރެވޭނެއެވެ. މި ޚިދުމަތުގައި ކަސްޓަމަރުންނަށް ނުވަތަ ވިޔަފާރިތަކަށް އިތުރު އަގެއް ދައްކާކަށް ނުޖެހޭނެއެވެ.

ކުރިން ވެސް މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއިން ޕާލޭ މޯލްޑިވްސްގެ ޕްލާސްޓިކް އެކްސްޕޯޓް ޕްރޮގްރާމަށް އެހީތެރިވެފައިވެއެވެ. ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތާއި، ތައިވާން އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ޕްލާސްޓިކް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި އައު ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ ޕްލާސްޓިކް ކުނި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ސާކިއުލަރ އިކޮނޮމީއެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ދެ ފަރާތުން ވެސް އުންމީދު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.