އަދުލުވެރިކަމާއެކު ވެރިކަން ނުކުރެވިއްޖެނަމަ، ތަރައްޤީވަމުންދާ އިތުރު ޤައުމުތަކުގައިވެސް ނޭޕާލުގައި ހިނގަމުންދާފަދަ އިހުތިޖާޖުތައް ފެނިގެންދާނެކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވީ، ސަރުކާރުތައް ހަމަނުޖެހުމާ ހިސާބަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވެރިކަން ގޯސްކޮށް ހިންގުން، ކޮރަޕްޝަން އަދި ދަރަނި ރަނގަޅަށް މެނޭޖް ނުކުރެވުން ހިމެނޭކަމަށެވެ. ނޭޕާލުގައި މިހާރު ފެންނަމުންދަނީ މިކަންކަމުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީވަމުންދާ ޤައުމުތަކުން ދަރަނި ރަނގަޅަށް މެނޭޖްނުކޮށް، އަދުލުވެރިކަމާއެކު ވެރިކަން ނުހިންގައިފިނަމަ، އިތުރު ޤައުމުތަކުގައިވެސް މިފަދަ އިހުތިޖާޖުތައް ފެށިދާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ދުނިޔޭގެ އެންމެހައި ޤައުމުތަކުން ހޭލާންޖެހޭ ކަމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޭޕާލުގައި ދިމާވި ކަންތައްތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ސަރުކާރުން ނިންމުމާއި، ވެރިންގެ ކޮރަޕްޝަން އިންތިހާއަށް ބޮޑުވުން ހިމެނެއެވެ. މިކަންކަމާ ދެކޮޅަށް ޖެންޒީން ކުރި މުޒާހަރާތައް ފަހުން ބޮޑު ހަމަނުޖެހުންތަކަކަށް ބަދަލުވެ، އެތައް މީހުންގެ ފުރާނަ ގެއްލި، ޤައުމަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ނޭޕާލްގެ އިސް ވެރިން މަޤާމުން އިސްތިއުފާދިނެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތައް ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރުގެ ފެބުރުއަރީމަހު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައީވެސް އަދުލުވެރިކަމާ ހިލާފު ކަންތައްތަކެއްގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އޭރު ޤާނޫނާ ހިލާފަށް ޤާޟީއަކު ހައްޔަރުކުރުމާއި، ސިފައިންނާއި ފުލުހުން ލައްވައި އުސޫލާ ހިލާފު ކަންކަން ކުރުވަން މަސައްކަތްކުރުން ފަދަ ކަންތައްތަކަކީ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ