ސްކައުޓް އެސޯސިއޭޝަންގެ ގައުމީ އިދާރާ އާއި ފިހާރަ ހިންގާނެ އައު އިމާރާތެއް ހަމަނުޖެހުމުގެ ސަބަބުން މިއަދު އެ ދެ ތަން ވަގުތީގޮތުން ބަންދުކުރަން ޖެހިއްޖެއެވެ. މިހާރު ބޭނުންކުރަމުން އައި އިމާރާތް ހުސްކުރުމަށް މިއަދުގެ ނިޔަލަށް މުއްދަތު ދީފައިވާއިރު، އެ އެސޯސިއޭޝަނަށް އަދިވެސް ވަދެވޭނެ އެހެން ތަނެއް ހޯދިފައެއް ނުވެއެވެ.
ޗާންދަނީ މަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި މިހާތަނަށް ސްކައުޓް އެސޯސިއޭޝަން ހިންގަމުން އައީ އެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ބޮޑެތި ގެއްލުންތައް ވެފައި ހުރުމުންނެވެ. އެ އިމާރާތް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫންކަން ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ސްކައުޓް އެސޯސިއޭޝަނުން އާންމުކޮށްފައިވާ ނޯޓިސްއެއްގައި ވިދާޅުވީ އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ސްކޫލްތަކުގައި ހިންގާ ސްކައުޓް ޕްރޮގްރާމްތަކަށް ބޭނުންވާ ސާމާނު ގަތުމަށް ދަތިވާނެ ކަމަށް ބެލެވެއެވެ. އެއީ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އައީ ސްކައުޓް އޮފީހުގައި ހުންނަ ފިހާރައިން ކަމަށްވާތީއެވެ.
ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ ކަމާގުޅޭ އިދާރާތަކާއެކު އައު ތަނެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ތަނެއް ލިބިފައި ނެތުމުން ވަގުތީގޮތުން އިދާރާ އަދި ފިހާރަ ބަންދު ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކައުޓް އެސޯސިއޭޝަނަކީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް ތަމްސީލުކުރާ ރަސްމީ ޖަމާއަތެވެ. މި ޖަމާއަތުގެ އިދާރާ އަދި ފިހާރަ ބަންދުވުމުން ސްކައުޓް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ