ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގައި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނަކުން މި މަޢުލޫމާތު ހާމަކޮށްފައިވާއިރު، އެ ސިޓީގެ ގިނަ ރައްޔިތުން މި ޚިދުމަތަށް އެދެމުން އަންނަ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އައްޑޫގެ އެންމެހައި އަވަށްތަކުގެ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އޮންލައިން މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. މި ފުރުސަތަކީ އަމިއްލަ ގޯއްޗެއް އޮވެ، އެ ތަނުގައި އިމާރާތެއް އެޅުމުގެ ޖާގަ ނެތް ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވި ގޮތުގައި، ހައުސިން ޔުނިޓް ހެދުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ރައްޔިތުންގެ އަމިއްލަ ގޯތީގައި ވެސް މި ޔުނިޓްތައް އަޅައިދޭނެ އެވެ. މި ވައުދާ އެއްގޮތަށް ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަންފަރުގައި މި މަޝްރޫއު ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވެ އެވެ. މި ދެ ރަށުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޗްޑީސީ އާ ހަވާލުކޮށްގެންނެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާއިރު، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން މި މައްސަލަ ފުރިހަމައަށް ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ދެއްވާފައިވާ ކަން ފާހަގަކުރެވެ އެވެ. އައްޑޫގައި މި ފުރުސަތު ހުޅުވާލުމަކީ ވެސް އެ ވައުދު ފުއްދުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ