މުޒާހަރާގެ ބައިވެރިން ނޭޕާލްގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ގައިގައި އަލިފާން ރޯކޮށް އޭނާ މަރާލައިފި

މުޒާހަރާގެ ބައިވެރިން ނޭޕާލްގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ގައިގައި އަލިފާން ރޯކޮށް އޭނާ މަރާލައިފި

Author
ހުސައިން
10 ސެޕްޓެމްބަރ 2025 11:46
0

ނޭޕާލްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ތެރޭގައި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. އެ ގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރު ޖަހާލާ ނާތް ހާންގެ 68 އަހަރުގެ އަނބިކަނބަލުން ރާޖްޔަލަކްޝްމީ ޗިތުރަކާރު، މުޒާހަރާގެ ބައިވެރިން އޭނާގެ ގެކޮޅަށް ރޯކޮށްލުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކުން މަރުވެއްޖެއެވެ.

ކާޓްމަންޑޫގެ ޑައްލޫ ސަރަހައްދުގައި ހުންނަ ޗިތުރަކާރުގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، އޭނާ ގެއިން ނުކުންނަން އުޅުނު ވަގުތު އަނބުރާ ގޭތެރެއަށް ވައްދައި، ދޮރުތައް ބަންދުކޮށްފައި ރޯކޮށްލިއެވެ. އާއިލީ މަސްދަރުތަކުން ލިބުނު މައުލޫމާތު ދައްކާ ގޮތުގައި، ވަރަށް ބޮޑަށް އަނިޔާވި ޗިތުރަކާރު ކީރްތިޕޫރު ބާން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް މަރުވިއެވެ. މި ހާދިސާ ހިނގިއިރު ކުރީގެ ޕްރައިމް މިނިސްޓަރު ޖަހާލާ ނާތް ހާން އެ ގެކޮޅުގައި ނުހުންނެވި ކަމަށް ބެލެވެއެވެ.

ނޭޕާލްގައި މި ވަގުތު ކުރިއަށްދާ މުޒާހަރާތައް ފެށުނީ ސަރުކާރުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބަންދުކުރަން ނިންމުމާ ގުޅިގެންނެވެ. އެކަމަކު މިހާރު މި މުޒާހަރާތަކުގައި އުފުލަމުންދަނީ ކޮރަޕްޝަން، ވަޒީފާ ނެތުން، އަދި ސިޔާސީ ނެޕޯޓިޒަމް ފަދަ ގިނަގުނަ މައްސަލަތަކެވެ.

ޗިތުރަކާރުގެ މަރާއެކު މި މުޒާހަރާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ. މީގެ އިތުރުން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގައުމުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ޕްރައިމް މިނިސްޓަރު ކޭ.ޕީ. ޝަރްމާ އޮލީ އާއި ރައީސް ރާމް ޗަންދުރާ ޕައުޑެލް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.

މި ހާދިސާއަކީ ނޭޕާލްގެ ސިޔާސީ ހާލަތު އިތުރަށް ގޯސްކޮށްލި ކަމެއްގެ ގޮތުގައި ބެލެވޭ އިރު، ގައުމުގެ އިސްތިގްރާރު ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައު ގޮވާލަމުންދާ ކަމަށް ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.