ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ، ނޭޕާލްގެ ބޮޑުވަޒީރުގެ އިތުރުން ރައީސްވެސް އިސްތިއުފާ ދީފި

ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ، ނޭޕާލްގެ ބޮޑުވަޒީރުގެ އިތުރުން ރައީސްވެސް އިސްތިއުފާ ދީފި

Author
ހުސައިން
09 ސެޕްޓެމްބަރ 2025 08:24
0

ނޭޕާލްގައި ޒުވާނުން ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ ބޮޑު މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދްރަ ޕުޑެލް މިއަދު އިސްތިއުފާދެއްވިއެވެ. ރައީސް އިސްތިއުފާދެއްވީ ބޮޑުވަޒީރު އިސްތިއުފާދެއްވުމަށްފަހު ގިނައިރުތަކެއް ނުވެއެވެ.

މި މުޒާހަރާތައް ފެށިގެން އައީ ސަރުކާރުން ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމުގެ ނަމުގައި ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް މަނާކުރުމާ ގުޅިގެންނެވެ. މަނާކުރި ތަންތަނުގެ ތެރޭގައި އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ފަދަ ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތައް ހިމެނުނެވެ.

ކުރިއަށްދިޔަ މުޒާހަރާތަކުގައި މުޒާހަރާކުރާ މީހުން ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައި، ވެރިންގެ އިސްތިއުފާއަށް ގޮވާލިއެވެ. އިއްޔެ ހިނގި މުޒާހަރާތަކުގައި 19 މީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުންޏެވެ. މި ހާދިސާތަކާ ގުޅިގެން ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރި ނިންމުން ބާޠިލުކޮށް، ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވެސް އިއްޔެ އިސްތިއުފާދެއްވިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މުޒާހަރާތައް އިންތިހާއަށް ހޫނުވުމުން ކާފިއު އިއުލާންކުރެވުނެވެ. މުޒާހަރާކުރާ މީހުން ބޮޑުވަޒީރާއި ރައީސްގެ އަމިއްލަ ގެތަކުގައި ހުޅުޖަހައި، ރައީސްގެ ގެކޮޅަށް ވަދެ ތަކެއްޗަށް ގެއްލުންދިނެވެ. މީގެ އިތުރުން ކުރީގެ ދެ ބޮޑުވަޒީރަކާއި މިނިސްޓަރެއްގެ ގެތަކަށް ވެސް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި އަލިފާން ރޯކޮށް، ދައުލަތުގެ އެކި އިމާރާތްތަކުގައި މުޒާހަރާކުރާ މީހުން ހުޅުޖެހިއެވެ.

ނޭޕާލްގައި މިހާރު ދިމާވެފައިވާ ސިޔާސީ ކޮޅުބޮޅުން އަކީ އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަމެއް ކަމުގައި ބައެއް ވިސްނުންތެރިން ދެކެއެވެ. ޒުވާނުންގެ މުޒާހަރާތަކުން ނޭޕާލްގެ އެންމެ އިސް ދެ ވެރިޔާ އިސްތިއުފާދިނުމަކީ އެ ގައުމުގެ ސިޔާސީ ނިޒާމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.