ނޭޕާލުގެ މަސްރަހު ގޯސްވެ، ދިވެހިން އެގައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި

ނޭޕާލުގެ މަސްރަހު ގޯސްވެ، ދިވެހިން އެގައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި

Author
ޙަސަން މުޙައްމަދު
09 ސެޕްޓެމްބަރ 2025 08:12
0

ނޭޕާލުގައި ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން، އެ ގައުމަށް ޒަރޫރީ ބޭނުންތައް ފިޔަވައި ދަތުރު ނުކުރުމަށް ދިވެހި ފޮރިން މިނިސްޓްރީން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. އެ ގައުމުގެ ހާލަތު އާންމު ގޮތަކަށް ރަނގަޅުވަންދެން މި ނަސޭހަތް ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނޭޕާލުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ބޮޑެތި މުޒާހަރާތަކުގައި އިއްޔެ 19 މީހަކު މަރުވެފައިވާއިރު، މިއަދު މުޒާހަރާގެ ބައިވެރިން ސަރުކާރުގެ އިމާރާތްތަކަށް ވަދެ، ލީޑަރުންގެ ގެތަކުގައި ރޯކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާތަކާ ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް އިސްތިއުފާ ދެއްވައިފިއެވެ.

މުޒާހަރާތައް ފެށުނީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކިޔައިގެން ސަރުކާރުން 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. މަނާކުރި ޕްލެޓްފޯމްތަކުގެ ތެރޭގައި އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ފަދަ މަޝްހޫރު އެޕްތައް ހިމެނެއެވެ. ނަމަވެސް މިހާރު މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަނީ ސަރުކާރުތަކުން ކުރި ކޮރަޕްޝަންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، މިހާރުގެ ސަރުކާރު އިސްތިއުފާ ދިނުމަށެވެ.

ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ބޭނުމެއް މެނުވީ މަގުމައްޗަށް ނުނިކުމެ ތިބުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވެސް އެދިފައިވެއެވެ.

ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން އަރުވައިފައިވެއެވެ. އެހީތެރިކަން ބޭނުންވާ ދިވެހިންނަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ +919910040786 ނަންބަރަށް ގުޅޭނެ ކަމަށާއި، ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ވެސް ގުޅޭނެ ކަމަށް ބުނެފައިވެއެވެ.

މިއަދު ހަމަނުޖެހުންތައް އިތުރަށް ގޯސްވުމުން ކަތަމަންޑޫ އެއާޕޯޓު ބަންދުކޮށްފައިވާއިރު، ބައެއް ގައުމުތަކުން ނޭޕާލަށް ދަތުރު ނުކުރުމަށް އެލާޓް ނެރެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.