މީޑިއާ ބިލުގެ ކޮމެންޓްތައް ދިރާސާކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މީޑިއާ ބިލުގެ ކޮމެންޓްތައް ދިރާސާކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

Author
ޙަސަން މުޙައްމަދު
09 ސެޕްޓެމްބަރ 2025 03:34
0

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް ކޮމިޝަނެއް އުފައްދައި މީޑިއާތައް ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަށް ލިބުނު ކޮމެންޓްތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ. މި ނިންމުމާ ގުޅިގެން ކޮމިޓީ އަޑުއަހަން ހާޒިރުވި ނޫސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ކޮމިޓީގައި ވިދާޅުވި ގޮތުގައި، ބިލަށް ވަރަށް ގިނަ ކޮމެންޓްތައް ލިބިފައިވާތީ މިއަދު އެ ބިލުގެ މަސައްކަތް ނިންމާލައި ފާސް ނުކުރެވޭނެއެވެ. އެއް މާއްދާއަކަށް 10 އިން 12 ކޮމެންޓާ ހަމައަށް ފޮނުވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަސީމް ވިދާޅުވީ ކޮމެންޓްތަކުގައި ޕާސަނަލް އިންފޮމޭޝަން ހިމެނިފައިވާތީ، އެންމެ ރަނގަޅު ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް ވިސްނުނު ކަމަށެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވުމުން، ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ބައްދަލުވުން ސިއްރުކުރުމަށް ފާސްވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް އޭނާ މިފަދަ ބިލެއް ހުށަހަޅުއްވާފައިވީ ނަމަވެސް، އެ ބިލު އަނބުރާ ގެންދަވާފައިވެއެވެ.

އެންމެ ފަހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް 49 މެންބަރުން ވޯޓުދެއްވި އިރު، 12 މެންބަރުން ވޯޓުދެއްވީ ބިލު ބޭރުކުރުމަށެވެ.

ބިލުގައި ހިމެނޭ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތަކަށް ބޮޑެތި ޖޫރިމަނާތައް ކަނޑައެޅިފައިވެއެވެ. ވަކިވަކި ނޫސްވެރިންނަށް 5,000 ރުފިޔާއާއި 25,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ އިރު، މީޑިއާތަކަށް 100,000 ރުފިޔާ އާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އުސޫލުތައް ވެސް ބިލުގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.