މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތުގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ޒުވާނާ ދުއްވަމުން ދިޔަ ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 28 ޕެކެޓެއް ފެނިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ހާމަކުރެއެވެ.
އިއްޔެ ކޯޓަށް ހާޒިރުކުރި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ ތުހުމަތުކުރެވޭ ކުށާ ގުޅޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަމަށެވެ. ކޯޓުން އިތުރަށް ބުނެފައިވަނީ، މި ފަރާތަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ރެކޯޑް ހުރި މީހަކަށްވާތީ، ކުށް ތަކުރާރުކޮށްފާނެ ކަމުގެ ބިރު އޮތްކަމަށެވެ.
މިހެންކަމުން، މުޖުތަމަޢުގެ ރައްކާތެރިކަމަށާއި މައްސަލައިގެ ތަހުގީގު ހުރަސްނޭޅޭނެކަމަށް ޔަގީންކުރުމަށްޓަކައި، މި ޒުވާނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވާކަމަށް މައްސަލައިގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ