މާލެ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ 65 ޕަސަންޓު މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައެވެ. ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކައުންސިލުން ދެއްވި މައުލޫމާތުގައި ވިދާޅުވީ، ދެވަނަ ފޭސްގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމި، ކޮންޓްރެކްޓަރުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް މުޅި ޕާކުގެ މަސައްކަތް ފުރިހަމަކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިގު މުއްދަތަކަށް ބޭނުންނުކޮށް ވީރާނާވެފައި އޮތް މި ސަރަހައްދު، އާ ޒަމާނީ ޕާކަކަށް ބަދަލުކުރުމުގެ މި މަޝްރޫއަކީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ މަސައްކަތެކެވެ. ޕާކުގައި ގާއިމުކުރުމަށް ރާވާފައިވާ ވަސީލަތްތަކުގެ ތެރޭގައި ކަސްރަތުކުރުމަށް ބޭނުންވާ އާލާތްތަކާއި، ބެޑްމިންޓަން ކޯޓެއް، ތްރީ އޮން ތްރީ ބާސްކެޓް ކޯޓެއް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ހިމެނެއެވެ.
މި ވަސީލަތްތަކުގެ އިތުރުން، އެކިއެކި އިވެންޓްތަކާއި ހަފްލާތައް ބޭއްވުމަށް ޚާއްސަ ސަރަހައްދެއް ތައްޔާރުކުރުމާއެކު، އުމުރުން ދުވަސްވީ މީހުންނަށް އާރާމުކޮށް، ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކުރެވޭނެ ޚާއްސަ ބައެއްވެސް ޕާކުގައި ހިމަނާނެކަމަށް ކައުންސިލުން ބުނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލޭގެ ރައްޔިތުންނަށް، ޚާއްސަގޮތެއްގައި ގަލޮޅު ސަރަހައްދުގެ އާބާދީއަށް، އާރާމުކޮށްލެވޭނެ ތަނަކާއި ކުޅިވަރުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. ޕާކް ހުޅުވުމުން މާލޭގެ ގިނަބޮޑުވަމުންދާ އާބާދީއަށް ތާޒާ ނަފަސެއް ލިބި، ޢާއިލާތަކާއި ޒުވާނުންނަށް ފައިދާހުރި ވަގުތުތައް ހޭދަކުރެވޭނެ އާ މާހައުލެއް ގާއިމުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ