މާލޭގެ ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ރަސްމީ ފަލަމާ ހަމައަށް ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ފަރާތުން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން 137 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ބޭރުމަގު ފުޅާކުރުމަށްޓަކައި ބޮޑު ފާލަމާ ހަމައަށް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއު ފުރިހަމަވުމުން މާލޭގެ އުތުރު ފަރާތުގައި ހުންނަ ބޮޑުތަކުރުފާނު މަގަކީ 4 ލޭނުގެ ޒަމާނީ ފެންވަރުގެ މަގަކަށް ވެގެންދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިހާތަނަށް މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ސަރަހައްދަކީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ދިގުވެފައިވާ ބައެކެވެ.
144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއު، އެއް އަހަރާއި ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ވަނީ އެއްބަސްވެފައެވެ.
ބޮޑުތަކުރުފާނު މަގަކީ މާލޭގެ ޓްރެފިކް ދަތިކަން ކުޑަކުރުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މަގު ފުޅާވެ، ފެންވަރު ރަނގަޅުވުމުން މާލޭގެ އުތުރު ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ