މާލީ ބަޔާން ހުށަނާޅާ 5 މެންބަރުންނަށް މަޖިލީހުން ނޯޓިސް ފޮނުވައިފި

މާލީ ބަޔާން ހުށަނާޅާ 5 މެންބަރުންނަށް މަޖިލީހުން ނޯޓިސް ފޮނުވައިފި

Author
ހުސައިން
04 ސެޕްޓެމްބަރ 2025 02:48
0

ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅާ ފަސް މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ފޮނުވައިފިއެވެ. މި މަހުގެ 1 ވަނަ ދުވަހު ފޮނުވި މި ނޯޓިސްގައި 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް އަންގާފައިވާކަމަށް މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 88 މެންބަރަކު މާލީ ބަޔާން ހުށަހަޅައިފައިވާއިރު، ބާކީ ފަސް މެންބަރުން އަދިވެސް ހުށަހަޅާފައެއް ނުވެއެވެ. މާލީ ބަޔާން ހުށަހެޅުމުގެ ރަސްމީ މުއްދަތު ކަމަށްވާ އޮގަސްޓް 31 ވަނަ ދުވަހު ފާއިތުވެފައިވާއިރު، މި ފަސް މެންބަރުންނަށް ގަވާއިދުން ދެވޭ އިތުރު ފުރުސަތު މިހާރު ދީފައިވާކަމަށް މާން ބުންޏެވެ.

މާލީ ބަޔާން އަދި ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނެނީ ފީއެންސީގެ ފަރާތުން ފޭދޫ އުތުރު ދާއިރާ ތަމްސީލުކުރާ އިސްމާއީލް ނިޒާރު، މައްޗަންގޮޅި މެދު ދާއިރާގެ އަހުމަދު ޒަމީރު، މާފަންނު ހުޅަނގު ދާއިރާގެ މުސްތަފާ އިބްރާހީމް އަދި ކުރެންދޫ ދާއިރާގެ މުހައްމަދު ޝާހީނެވެ. މީގެ އިތުރުން އެމްއެންޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މާލީ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނާޅާ މެންބަރުންނަށް ފުރަތަމަ ދެވޭ ފުރުސަތަކީ 15 ދުވަހުގެ އިތުރު މުހުލަތެކެވެ. މި މުއްދަތު ލިބޭނީ ލިޔުމުން އެންގުމަށްފަހުގައެވެ.

މި އިތުރު މުއްދަތުގައިވެސް މާލީ ބަޔާން ހުށަނާޅައިފިނަމަ، އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އިއްވައި، ތަޅުމުން ނެރުމުގެ ފިޔަވަޅު އެޅޭނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. މިއީ މާލީ ބަޔާން ހުށަނާޅާ މެންބަރުންނާމެދު އެޅޭ ދެވަނަ ފިޔަވަޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.