ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ހައުސިންގ މިނިސްޓްރީން ދިން މަޢުލޫމާތުގައި ވާގޮތުން، މި މަޝްރޫޢަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މިދިޔަ މަހުގެ ތެރޭގައި އެ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގިނަ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް 1،200 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ގުޅިފަޅުން ދޫކުރެވޭ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 684 ގޯތި، 1،650 އަކަފޫޓުގެ 1،242 ގޯތި، 2،050 އަކަފޫޓުގެ 923 ގޯތި، 2،450 އަކަފޫޓުގެ 479 ގޯތި، 2،850 އަކަފޫޓުގެ 158 ގޯތި، 3،250 އަކަފޫޓުގެ 49 ގޯތި އަދި 3،650 އަކަފޫޓުގެ 22 ގޯތި ހިމެނެއެވެ.
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 2،000 އަށް ވުރެ ގިނަ ގޯތި ދިނުމަށް މި ސަރުކާރުން ނިންމާފައިވާއިރު، ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢަކީ ރައްޔިތުންނަށް ގޯތިގެދޮރުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށް ވާއިރު، ގޯތިތަކުގެ އިން ވަކިކޮށް ބިން ސާފުކުރުމުގެ މަސައްކަތް ފެށުމުން މި މަޝްރޫޢު އަލަށް ފިޔަވަޅެއް ކުރިއަށް ދިއުން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ