މީޑިއާ ބިލް ބޭރުކޮށްލުމަށް އެދި 150 އަށްވުރެ ގިނަ ނޫސްވެރިން ރައީސަށާއި މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފި

މީޑިއާ ބިލް ބޭރުކޮށްލުމަށް އެދި 150 އަށްވުރެ ގިނަ ނޫސްވެރިން ރައީސަށާއި މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފި

Author
ހުސައިން
03 ސެޕްޓެމްބަރ 2025 07:03
0

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލް ބޭރުކޮށްލުމަށް އެދި 150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން ތައްޔާރުކުރި މި ޕެޓިޝަނުގައި ރާއްޖޭގެ 41 މީޑިއާއަކުން 151 ނޫސްވެރިން ސޮއިކޮށްފައިވާ ކަމަށް އެ ދެ ޖަމްއިއްޔާއިން ހާމަކޮށްފައިވެ އެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މަޖިލީހަށް ހުށަހެޅި ބިލެކެވެ. މި ބިލް ޑްރާފްޓްކުރުމުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ބައިވެރިވުން އޮތްކަން، ބިލްގެ ދިފާއުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތަކުން އެނގިފައިވެ އެވެ.

މި ބިލާ ދެކޮޅަށް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މުއައްސަސާތަކުން ފާހަގަކުރާ ގޮތުގައި މި ބިލަކީ މީޑިއާގެ މިނިވަންކަމަށް ނުރައްކާ ކުރާނެ ބިލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދާދިފަހުން ހާޒިރުކުރި މީޑިއާތަކުގެ ތެރެއިން 22 މީޑިއާއަކުން ވަނީ މި ބިލް ބޭރުކޮށްލުމަށް އެދިފައެވެ. ކޮމިޓީގައި ބިލަށް ތާއީދު ލިބިފައިވަނީ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދުގެ ސަންގު ޓީވީން އެކަންޏެވެ. ސަންގު ޓީވީން ވަނީ އިސްލާހުތަކާއެކު ބިލް ބަލައިގަނެ ކުރިއަށްގެންދިއުމަށް ތާއީދުކޮށްފައެވެ.

ނޫސްވެރިންގެ ފަރާތުން މި ޕެޓިޝަން ހުށަހެޅުމަކީ، މީޑިއާގެ މިނިވަންކަން ރައްކާތެރިކުރުމަށް ނޫސްވެރިން އެއްބައިވަންތަކަމާއެކު ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. އަދި މި ބިލް ބޭރުކޮށްލުމަށް ނުވަތަ މީޑިއާގެ މިނިވަންކަމަށް އުނިކަމެއް ނާންނަ ގޮތަށް އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.