ވިލިމާލޭ މާރުކޭޓް ޕްރޮޖެކްޓާ ގުޅިގެން ސިޓީ ކައުންސިލުން 150،000 ރުފިޔާ ދައްކަންޖެހޭ ކޯޓުން ހުކުމެއް

ވިލިމާލޭ މާރުކޭޓް ޕްރޮޖެކްޓާ ގުޅިގެން ސިޓީ ކައުންސިލުން 150،000 ރުފިޔާ ދައްކަންޖެހޭ ކޯޓުން ހުކުމެއް

Author
ޙަސަން މުޙައްމަދު
03 ސެޕްޓެމްބަރ 2025 06:50
0

ވިލިމާލޭގައި އެޅުނު ލޯކަލް މާރުކޭޓްގެ ޕްރޮޖެކްޓާ ގުޅިގެން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީއަށް 150،000 ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލްކޯޓަށް މި މައްސަލަ ހުށަހެޅިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 2 ގައި މާލޭ ސިޓީ ކައުންސިލާއި ގްލޯރިއަސް ޓްރޭޑިންއާ ދެމެދު ވިލިމާލޭގައި ލޯކަލް މާރުކޭޓެއް އެޅުމަށް ސޮއިކުރި އެއްބަސްވުމާ ގުޅިގެންނެވެ. އެ ކުންފުނިން ވިލިމާލެ މާރުކޭޓް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި، އެއްބަސްވުމާ އެއްގޮތަށް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ޖުމްލަ 2.5 މިލިޔަން ރުފިޔާގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓާފައިވާ 125،841 ރުފިޔާ، ރިޓެންޝަންގެ މުއްދަތު ހަމަވެ، ބިލު ހުށަހެޅިއިރުވެސް މާލޭ ސިޓީ ކައުންސިލުން ދައްކާފައިނުވާ ކަމަށް ގްލޯރިއަސް ޓްރޭޑިންގުން ބުނެއެވެ. މިކަމާ ގުޅިގެން އެ ފައިސާ ހޯދުމަށާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ނަގައިދިނުމަށް އެދި އެ ކުންފުނިން ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފައިވަނީ އެ ސަބަބަށްޓަކައެވެ.

މައްސަލައަށް ޖަވާބުދާރީވުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތުގައި މާލޭ ސިޓީ ކައުންސިލުން ޖަވާބުދާރީވެފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތަށް ސިޓީ ކައުންސިލްގެ ގައިރު ހާޒިރުގައި ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ.

ސިވިލްކޯޓުގެ ހުކުމްގައި ގްލޯރިއަސް ޓްރޭޑިންގުން ހޯދުމަށް އެދުނު 125،841 ރުފިޔާއަކީ މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިފައިވެއެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދުނު 25،000 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.