ރައްޔިތުންގެ މަޖިލީހުން އާންމުކުރި މެންބަރުންގެ މާލީ ބަޔާންތަކުން މަޖިލީހުގެ މެންބަރުންގެ މާލީ ހާލަތުގައި ހުރި ބޮޑެތި ތަފާތުތައް ހާމަވަގެން ހިގައްޖެއެވެ. މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މެންބަރުކަމުގެ ހުވާކުރާތާ އެއް އަހަރު ފުރުމުން ހުށަހަޅަންޖެހޭ މި ބަޔާންތައް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހުނު ނަމަވެސް، 93 މެންބަރުންގެ ތެރެއިން މިހާތަނަށް އާންމުވެފައިވަނީ ބައެއް މެންބަރުންގެ ބަޔާންތަކެވެ.
އާންމުވި ބަޔާންތަކުން އެންމެ ހައިރާންކުރުވަނިވި ކަމަކީ، އެއް މެންބަރެއްގެ ސޭވިންގ އެކައުންޓު މައިނަސް 200 ރުފިޔާގައި ހުރި ކަމަށް ލިޔެފައި އޮތުމެވެ. މީގެ އިތުރުން 500 ރުފިޔާ ވަރު ނުވަތަ ދެތިން ހާސް ރުފިޔާއާއި މަދު ޑޮލަރުކޮޅެއް ހުރި މެންބަރުން ގިނަކަން ފާހަގަކުރެވުނެވެ. ގިނަ މެންބަރުންގެ ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑު ދަރަނިތައް ހުރިކަން ވެސް ބަޔާންތަކުން އެނގެއެވެ.
ނަމަވެސް މާލީ ދަތިކަން ހުރި މެންބަރުންގެ އިދިކޮޅަށް، އެހެން ބައެއް މެންބަރުންނަށް "ހެޔޮއެދޭ ފަރާތްތަކުން" މިލިއަނުން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާކަން ބަޔާންތަކުން ދައްކައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދަތުރުފުޅުތަކާއި ކްރެޑިޓް ކާޑުގެ ޚަރަދުތަކަށް އެކި ފަރާތްތަކުން ދެއްވި 958،982 ރުފިޔާ ލިބިވަޑައިގަތްކަމަށް އެމަނިކުފާނުގެ ބަޔާނުގައި އޮތެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އަށް 225،000 ރުފިޔާ، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް 43،000 ޑޮލަރު (663،000 ރުފިޔާ) އާއި 880،000 ރުފިޔާ ލިބިފައިވާކަމަށް ވެސް އެ ބޭފުޅުންގެ ބަޔާންތަކުގައި ބުނެފައިވެއެވެ. އެންމެ ބޮޑު ހަދިޔާގެ ގޮތުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ވަޒީފާ އަދާކުރާ ކުންފުނިން 3.5 މިލިއަން ރުފިޔާގެ ހުޅުމާލޭ ރޯހައުސްއެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި ހަދިޔާތައް ދެއްވި ފަރާތްތަކުގެ ތަފްސީލު އެއްވެސް ބަޔާނެއްގައި ހާމަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު، އާ މެންބަރުން މަގާމުގެ ހުވާކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، މިއީ ނަޒާހާތްތެރިކަން އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އޭރު ގިނަ މެންބަރުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފައިވާއިރު، މި ބަޔާންތަކުން ދައްކަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި މާލީގޮތުން ހުރި ވަރަށް ބޮޑު ފަރަގުތަކެވެ.
ކޮމެންޓު ފޮނުވާ