ސެނެޓްގެ މެޖޯރިޓީ ލިބިގެން ދިއުމަކީ ބައިޑްންގެ އެޖެންޑާ ތަންފީޒު ކުރުމަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއް

އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ޑިމޮކްރަޓުންނަށް

އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ޑިމޮކްރަޓުންނަށް

ޖޯޖިއާގައި ކުރިޔަށް ދިޔަ، އެމެރިކާގެ ސެނެޓަށް 2 މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު އިންތިޚާބުގެ އެއްގޮޑި ޑިމޮކްރަޓިކް ޕާޓީއަށް ކާމިޔާބު ކުރެވިފައިވާއިރު، ޖޯޖިއާގެ ކާމިޔާބީއާއެކު ސެނެޓުގެ މެޖޯރިޓީ ޑިމޮކްރަޓިކް ޕާޓީއަށް ކާމިޔާބު ކުރެވޭނެކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށައިފިއެވެ.

މިސިޓީން ސެނެޓަށް އިންތިޚާބުކުރާ 2 ގޮޑީގެ ތެރެއިން އެއްގޮޑި މިހާރުވަނީ، ރިޕަބްލިކަން ޕާޓީގެ ކެލީ ލޯފްލަރ ބަލިކުރުމަށްފަހު، ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ރަފޭލް ވާނިކް ކާމިޔާބު ކޮށްފައެވެ. އެސޯޝިއޭޓް ޕްރެސް ނިއުސްގެ ހިސާބުތައް ދައްކާގޮތުން، ސެނެޓްގެ މެޖޯރިޓީ ހޯދުމަށް ޑިމޮކްރަޓިކް ޕާޓީއަށް މިހާރު އިތުރަށް ބޭނުންވަނީ އެންމެ ގޮޑިއެކެވެ.

މިސިޓީގައި އިތުރަށް އިން ގޮޑިއަށް ވާދަކުރަމުންދާ، ޑިމޮކްރަޓިކް ޕާޓީގެ ޖޯން އޮއްސޮފްއާއި އަދި ރިޕަބްލިކަން ޕާޓީގެ ޑޭވިޑް ޕާޑޫ ވާދަކުރަމުން ދަނީ ކާމިޔާބު ކުރާނެ ވަކި މީހަކު ބުނަން ނޭގޭހާ ކައިރި ކައިރިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، ޑިމިކްރަޓިކް ޕާޓިގެ ކެޑިޑޭޓް އޮއްސޮފް އުޅެނީ %0.4 ކުރީގައި ކަމަށް ބައެއް މީޑިއާ ރިޕޯތްތައް ބުނެއެވެ. އަދި އޭނާވަނީ، ޔޫޓިއުބުގައި އާންމުކުރި ކުރު ވީޑިއާ ކްލިޕެއްގައި ކާމީޔާބީ އިއުލާންވެސް ކުރައްވާފައެވެ.

ޑިމޮކްރަޓިކް ޕާޓީއަށް ޖޯޖިއާ ސްޓޭޓްގެ 2 ގޮޑި ކާމިޔާބު ކުރެވިއްޖެނަމަ އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ އެޕާޓިއަށް ލިބިގެންދާނެއެވެ. އަދި މިކާމިޔާބީ ވެގެން ދާނީ، އިންތިޚާބީ ރައީސް ޖޯ ބައިޑްން ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ސަރުކާރުގެ އެޖެންޑާ ކުރިޔަށް ގެންދިއުމަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުން، ޒަމާނުއްސުރެ ރިޕަބްލިކަން ޕާޓީގެ ތާއީދުއޮންނަ ޖޯޖިއާގެ ތާއީދު އެޕާޓިއަށް ގެއްލުމުން ޖޯޖިއާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތައް ވަރަށް ބޮޑަށް ސާފުވަމުން ދާކަމުގައެވެ. ނޮވެމްބަރުމަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ބައިޑްންވަނީ، 11،779 ވޯޓުގެ ތަފާތަކުން ޖޯޖިއާގައި ޓްރަމްޕް ބަލި ކުރައްވާފައެވެ. އަދި މި ނަތީޖާއާއެކު، ބައިޑްން ވެވަޑައިގެންނެވީ، 1992ގެ ރިޔާސީ އިންތިޚާބަށްފަހު، ޖޯޖިއާ ސްޓޭޓް ކާމިޔާބުކުރެވުނު ހަމައެކަނި ޑިމޮކްރަޓިކް ކެޑިޑޭޓް ކަމުަގއެވެ.

ޖޯޖިއާ ސްޓޭޓުގެ ސެނެޓް އިންތިޚާބުވެސް ރިޕަބްލިކަން ޕާޓީއަށް ގެއްލިގެން ގޮސްފައިވާއިރު، މި ނާކާމިޔާބީގެ ޒިންމާ، ޕާޓީގެ އިސްބައެއް އޮފިޝަލުން އަޅުއްމުން ގެންދަވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިފުޅުގައެވެ.

ޖޯޖިއާގެ ވޯޓުލުމުގެ ކަންކަން ބަލަހައްޓަވަމުން ގެންދެވި ރިޕަބްލިކަން ޕާޓީގެ އިސްބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ވޯޓުލާން، ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ގިނަބަޔަ ނުނުކުތުމުގެ ހަގީގީ ސަބަބަކީ، ނޮވެމްބަރު 3 ވަނަދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު ޓްރަމްޕް އަމަލް ކުރައްވަމުން ގެންދެވި ގޮތުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *