ސިޔާސީ ޕާޓީތަކަށް ދައުލަތުން 27.9 މިލިއަން ރުފިޔާ ދޫކޮށްފި، ޕީއެންސީއަށް 13 މިލިއަން ރުފިޔާ ލިބުނު

ސިޔާސީ ޕާޓީތަކަށް ދައުލަތުން 27.9 މިލިއަން ރުފިޔާ ދޫކޮށްފި، ޕީއެންސީއަށް 13 މިލިއަން ރުފިޔާ ލިބުނު

Author
އަހުމަދު
02 ސެޕްޓެމްބަރ 2025 10:00
0

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާގެ ތެރެއިން މި އަހަރު 27.9 މިލިއަން ރުފިޔާ ފަސް ޕާޓީއަކަށް ބަހައިލައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭއިރު، މި ފައިސާ ލިބޭނީ 10،000 މެންބަރުން ފުރިހަމަވާ ޕާޓީތަކަށް އެކަންޏެވެ. އީސީން އިއްޔެ ބުނި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މި ޝަރުތު ހަމަވި ފަސް ޕާޓީއަށް މެންބަރެއްގެ ބޮލަކަށް 193.23 ރުފިޔާގެ ރޭޓުން ފައިސާ ދޫކޮށްފައިވެއެވެ.

އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޕީއެންސީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ އެމްޑީޕީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެމްޑީއޭ އާއި އަދާލަތު ޕާޓީއަށް ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް މި ފަސް ޕާޓީގައި ޖުމުލަ 144،808 މެންބަރުން ރަޖިސްޓަރީ ވެފައިވާއިރު، އޭގެ ތެރެއިން 68،968 މެންބަރުން ތިބީ ޕީއެންސީގައެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމު ޕީއެންސީން ހާސިލުކޮށްފައިވާކަން ދައްކުވައިދޭ އަދަދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 2019 ވަނަ އަހަރު އުފެއްދެވި ޕީއެންސީ މިހާރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބެލުމުގެ ދަށުން އެންމެ ބޮޑު ޕާޓީއަށް ބަދަލުވެފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކާމިޔާބު ހޯދި ވަގުތު އެ ޕާޓީގައި ތިބީ ގާތްގަނޑަކަށް 3،000 މެންބަރުންނެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު އެ އަދަދު 68،000 އަށް ވުރެ މައްޗަށް އަރައިފައިވެއެވެ.

އެހެންނަމަވެސް ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވި ގޮތާމެދު ސުވާލު އުފެދިފައިވާއިރު، ސައްހަ ނޫން ފޯމުތައް ބޭނުންކޮށްގެން މެންބަރުން އިތުރުކުރިކަމުގެ ތުހުމަތުތަކެއް އެ ޕާޓީއަށް ވަނީ އަމާޒުވެފައެވެ. އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ގަވާއިދާ ޚިލާފަށް މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ޕާޓީގެ ފޯމު ފުރިކަމަށް ވެސް ތުހުމަތު ކުރެއެވެ.

މި މައްސަލަ އެމްޑީޕީން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައެވެ. ޕީއެންސީން ވެސް ވަނީ ބައެއް ސައްހަ ނޫން ފޯމުތައް ހުރެދާނެކަމަށް އިއުތިރާފުވެފައެވެ. މި މައްސަލަތައް ކުރިމަތިވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އީފާސް މެދުވެރިކޮށް ޑިޖިޓަލް ގޮތަކަށް ޕާޓީތަކަށް ސޮއިކުރެވޭ ނިޒާމެއް ތައާރަފުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.