ދިވެހި ފިލްމީ ދާއިރާގައި ބެލުންތެރިން މި އަހަރު އެންމެ އިންތިޒާރުކުރި ފިލްމް "ކަނބުލޮ" އިއްޔެ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ޕްރިމިއާ ނައިޓެއްގައި ލޯންޗްކޮށްފިއެވެ. ސެޓަން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމަކީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ފިލްމް ލޯންޗްކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި މަޝްހޫރު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މިދިޔަ އަހަރު ނެރުނު "ކަމަނަ" ފިލްމުން ލިބުނު ބޮޑު ކާމިޔާބަށްފަހު، ބެލުންތެރިންގެ އުއްމީދުތައް "ކަނބުލޮ" އާމެދު ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ވުމުން ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެފައިވެއެވެ.
ހުސެން މުނައްވަރު ޑައިރެކްޓްކުރި މި ފިލްމަކީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރި ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ކާސްޓުގައި ހިމެނެނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
ފިލްމުގައި މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައިވާ މިންވަރު ފާހަގަކޮށް، އެކަމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުވުމުގެ މުހިންމު މެސެޖުތައް ހިމަނާފައިވެއެވެ. އަދި އަންހެނުންނާ މެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދޭ ބާރުގަދަ މެސެޖުތަކެއްވެސް ފިލްމުން ފެނިގެންދާނެއެވެ.
ޕްރިމިއާ ނައިޓުގައި ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާއިރު، ބެލުންތެރިންގެ ބޮޑު ޑިމާންޑަށް ރިއާޔަތްކޮށް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ޝޯތަކަށްވެސް ވަނީ އިތުރު ޝޯތައް ހުޅުވާލައިފައެވެ. މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ރަށްރަށާއި ބައެއް ރިޒޯޓްތަކުގައި އަދި އަވަށްޓެރި ގައުމު ސްރީލަންކާގައިވެސް ފިލްމު ދައްކާނެ ތާރީޚުތައް މިހާރުވަނީ އިއުލާނުކޮށްފައެވެ.
ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން މިދިޔަ އަހަރު ނެރުނު "ކަމަނަ" ފިލްމުން 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާ ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު، "ކަނބުލޮ" ފިލްމުންވެސް އެފަދަ ކާމިޔާބެއް ހޯދާނެކަމުގެ އުއްމީދު ފިލްމީ ދާއިރާގެ ފަރާތްތަކުން ކުރެއެވެ.
ކޮމެންޓު ފޮނުވާ