މީޑިއާ ރެގިއުލޭޓްކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ސަރުކާރު ޖަވާބުދާރީކުރުވުމަށްވެސް ދަތިވެގެންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މިހާރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދިރާސާކުރަމުން ދާއިރު، އެޗްއާރްސީއެމްއިން ކޮމިޓީއަށް ފޮނުވި ލިޔުމުގައި ވިދާޅުވީ މި ބިލަކީ ނޫސްވެރިކަން ދައުލަތުގެ ކޮންޓްރޯލަށް ގެނެސް، ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.
އެޗްއާރްސީއެމްގެ ކަންބޮޑުވުން ފާޅުކުރައްވަމުން، މި ބިލަށް 20 އިސްލާހެއް ހުށަހަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރައްވައި، އެ ދެ މުއައްސަސާ ވަކިން ބަހައްޓަން ހުށަހަޅުއްވާފައިވެއެވެ. ހަމައެއާއެކު ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންގެ ދަފުތަރެއް ޤާއިމުކޮށް، 'މަޖައްލާ' އަށް ދީފައިވާ މާނަކުރުން މިހާރަށްވުރެ ހަނިކުރުމަށްވެސް ހުށަހަޅުއްވާފައިވެއެވެ.
ނޫސްތަކުން ޝާއިޢުކުރާ މައުލޫމާތުގެ ތެދު ދޮގު ބެލުމުގައި ހެކި ވަޒަންކޮށް ސާބިތުކުރުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުން މުހިންމު ކަމަށްވެސް އެޗްއާރްސީއެމްއިން ފާހަގަކުރައްވާފައިވެއެވެ.
ބައިނަލްއަގުވާމީ މިސާލުތައް ދައްކަވަމުން އެޗްއާރްސީއެމްއިން ވިދާޅުވީ، އިނގިރޭސިވިލާތުގައި ޕްރިންޓް މީޑިއާ ބެލެހެއްޓެނީ އައިޕީއެސްއޯ ފަދަ މިނިވަން މުއައްސަސާތަކުން ކަމަށާއި، އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަންގައި އޮންލައިން ޕްލެޓްފޯމްތަކުގައި ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މި ބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަމުން ދާއިރު، ސަރުކާރާއި ޕީއެންސީގެ މެންބަރުންނަށް ތުހުމަތުތައް ކުރެވެމުންދެއެވެ. ނޫސްވެރިން މި ބިލާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވާއިރު، މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ވަކިވަކި ނޫސްވެރިންނާ ބައްދަލުކޮށް، އެފަރާތްތަކުގެ ޚިޔާލުތައް ހޯދާފައެވެ.
ކޮމެންޓު ފޮނުވާ