މެލޭޝިއާގައި ބާއްވާ އިސްލާމިކް ގަވަނަންސް ކޯހުގައި ދިވެހި އިމާމުންނަށް ބައިވެރުވުމުގެ ފުރުސަތު ފަހިކޮށްދީފި

މެލޭޝިއާގައި ބާއްވާ އިސްލާމިކް ގަވަނަންސް ކޯހުގައި ދިވެހި އިމާމުންނަށް ބައިވެރުވުމުގެ ފުރުސަތު ފަހިކޮށްދީފި

Author
ހުސައިން
01 ސެޕްޓެމްބަރ 2025 09:03
0

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދިވެހި އިމާމުންނަށް މެލޭޝިއާގައި ބާއްވާ ޚާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ. މިއީ އިސްލާމިކް ގަވަނަންސް އެންޑް އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުކަމަށް ވުޒާރާއިން ހާމަކުރެއެވެ.

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް މެލޭޝިއާގައި ކުރިއަށްދާ މި ޕްރޮގްރާމުގައި 10 ދިވެހި އިމާމުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް މި ފުރުސަތު ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ވުޒާރާއިން ބުނި ގޮތުގައި މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަކީ އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރެވޭ ފަރާތްތަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން އިމާމުކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުމާއެކު، ވުޒާރާއިން ޚިޔާރުކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން މެލޭޝިއާއަށް ދާންޖެހޭ ދަތުރުފަތުރުގެ ޓިކެޓުގެ ޚަރަދު ކުރާނީ އަމިއްލައަށް ކަމަށް ވުޒާރާއިން އެންގިއެވެ. އެހެންނަމަވެސް މި ފުރުސަތަކީ އިމާމުންގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ވުޒާރާއިން ދެކެއެވެ.

ފާއިތުވި އަހަރުވެސް މެލޭޝިއާއިން ދިވެހި އިމާމުންނަށް މިފަދަ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީފައިވާ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި ޕްރޮގްރާމުތަކުން ދިވެހި އިމާމުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ތަޖުރިބާ ހޯދުމުގެ އިތުރުން، އެހެން ޤައުމުތަކުގެ އިސްލާމީ އިދާރީ ނިޒާމުތައް ދަސްކުރުމުގެ ފުރުސަތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.