ހދ. ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް 99 ޕަސެންޓް ނިމި އަންނަ މަހު ހުޅުވަނީ

ހދ. ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް 99 ޕަސެންޓް ނިމި އަންނަ މަހު ހުޅުވަނީ

Author
ހުސައިން
01 ސެޕްޓެމްބަރ 2025 02:57
0

ހދ. ދިއްދޫގައި ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކޮށްގެން އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް 99 ޕަސެންޓް ނިމި، އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް ދިއްދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޢިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްފަހު، މިހާރު މަސައްކަތުގެ ބޮޑުބައެއް ފުރިހަމަވެފައިވާކަން ފާހަގަކުރެއްވި އެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އިމާރާތުގެ މަސައްކަތް ނިމުމާއެކު، މިހާރު ކުރިއަށްދަނީ ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވި އެވެ.

1500 މީހުންނަށް ޖާގައިގެ މި ބޮޑު އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހިމެނޭނެ އެވެ. އަދި ކުދިންނަށް ދީނީ ތަޢުލީމު ދިނުމަށްޓަކައި 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވެސް ތައްޔާރުކޮށްފައިވާނެ އެވެ. މީގެ އިތުރުން ދެ ސެމިނާ ރޫމާއި، އިސްލާމިކް ލައިބްރަރީއަކާއި، އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮފީސް ޖާގަ ވެސް މި މަރުކަޒުގައި ހިމެނިގެންދާނެ އެވެ.

ދިއްދޫ އިސްލާމީ މަރުކަޒަކީ އެ ރަށުގެ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތައް ފުޅާކުރުމަށާއި، ރައްޔިތުންނަށް ދީނީ ތަޢުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.