ހއ. ކެލައަށް ނިސްބަތްވާ "ޑީއެމްއެލް އެކްސްޕްރެސް 5″ ނަމަކަށް ކިޔާ ބޯޓެއް އިންޖީނު ހުއްޓިގެން ކުޅުދުއްފުށީ ފަރަށް އަރާފައި ވަނިކޮށް، މިއަދު ވަނީ އެ ބޯޓު ފުންކޮށްފައެވެ. 500 އެއްހާ ފެން ކޭސް ބަރުކޮށްގެން ކުޅުދުއްފުށިން ފުރި މި ބޯޓު ފަރަށް އެރީ އިއްޔެ ހަވީރު 3:30 ގައެވެ.
ކުޅުދުއްފުށީ ކައުންސިލަރު އިބްރާހީމް އަހްމަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ބޯޓު ފަރަށް އެރީ އެ ސިޓީގެ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރުގެ ހުޅަނގު ފަރާތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޯޓު ފަރަށް އެރިއިރު ބޯޓުގައި ތިބީ ހަތަރު ފަޅުވެރިންނެވެ.
އިބްރާހީމް އަހްމަދު ވިދާޅުވީ، ބޯޓަށް އިންޖީނު މައްސަލައެއް ދިމާވެގެން ކުޅުދުއްފުއްޓަށް ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއަދު ބޯޓު ފުންކުރުމުގެ މަސައްކަތުގައި 500 ވަރަކަށް ފެން ކޭސް ބޯޓުން ބޭލި ކަމަށް ޚަބަރު ލިބޭ ކަމަށާއި، އެ ފެން ކޭސްތައް އަދިވެސް ފެންނަން ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޯޓުގެ ވެރިފަރާތާ ހަވާލާދީ، އެ ބޯޓުގެ މީހަކު ބުނި ގޮތުގައި، މިއަދު ބޯޓު ކާމިޔާބުކަމާއެކު ފުންކޮށްފައިވާ ކަމަށެވެ. ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެމްޕީއެލްގެ އިތުރުން ސިފައިންނާއި، ފުލުހުންނާއި، ކުޅުދުއްފުށީ ކައުންސިލާއި، އެ ސަރަހައްދުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ