ދިވެހިރާއްޖެ ކުރިމަތިލާފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެންޖެހޭކަމަށް ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ޤައުމުގެ އިގްތިސާދު ކުރިއަރުވައި އުފާފާގަތިކަން ގެނައުމަށް އިޖުތިމާއީ އަދި ސިޔާސީ ހަމަޖެހުން ނުހަނު މުހިންމުކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝިންހުއާ ވިދާޅުވީ، ދިވެހިންނަށް މި ދަތި ދަނޑިވަޅުން އަރައިގަތުމުގެ ގާބިލްކަން ލިބިގެންވާކަމަށާއި، ސަރުކާރުގެ މަސައްކަތްތަކަށް އިތުބާރުކުރަން ޖެހޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލާމެދު އެމަނިކުފާނަށް ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު މެއި މަހު ދިވެހި ނޫސްވެރިންނާ ބައްދަލުކުރެއްވިއިރުވެސް ސަފީރު ވަނީ މިފަދަ އުންމީދީ ވާހަކަތަކެއް ދައްކަވާފައެވެ. އެ ބައްދަލުވުމުގައި ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރާއި ގާބިލްކަން ދިވެހި ރައްޔިތުންނަށް ހުރިކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެކިއެކި އުފެއްދުންތައް، ޚާއްސަކޮށް މަހުގެ އުފެއްދުންތައް ޗައިނާގެ ބޮޑު މާކެޓަށް ނެރުމުގެ ދޮރު ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.
ޗައިނާއަކީ ދުނިޔޭގައި މަހުގެ އުފެއްދުންތައް އެންމެ ގިނައިން އިމްޕޯޓްކުރާ ޤައުމުކަމަށް ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ އުފެއްދުންތަކުގެ ތެރޭގައި މަސްވެރިކަމުގެ އުފެއްދުންތައް އެންމެ އިސްކަން ލިބޭތީ، މި ފުރުސަތުގެ ބޭނުން ހިފައިގެން ޗައިނާ މާކެޓުން ފައިދާ ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ.
ކޮންގް ޝިންހުއާ އަކީ މިއަހަރު މެއި މަހު ޗައިނާގެ ސަފީރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ހަމަޖެހިވަޑައިގަތް ބޭފުޅެކެވެ. އެމަނިކުފާނު ފުރަތަމަ ރާއްޖެއަށް ވަޑައިގަތީ މީގެ އަހަރުތަކެއް ކުރިން ފަތުރުވެރިއެއްގެ ހައިސިއްޔަތުންނެވެ.
ރާއްޖޭގައި ތިއްބަވާ އެހެން ޤައުމުތަކުގެ ސަފީރުންނާ ތަފާތަށް، ޝިންހުއާ އަކީ ދިވެހިރާއްޖެއާމެދު ވަރަށް ޚާއްސަ ލޯބިއެއް ގެންގުޅުއްވާ ޑިޕްލޮމެޓެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ކޮންމެ ދުވަހަކުވެސް އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ދިވެހިރާއްޖޭގެ ރީތި މަންޒަރުތަކާއި ތަފާތު ތަންތަނުގެ ފޮޓޯތައް ޙިއްސާކުރައްވާކަމީ، ރާއްޖޭގައި ދިރިއުޅޭ ގިނަ ބަޔަކު ސަމާލުކަން ދޭ ކަމެކެވެ.
ކޮމެންޓު ފޮނުވާ