މާފަންނު މައިޒާނުގައި 295 ސައިކަލުގެ ޕާކިން ޒޯނާއި ކަސްރަތު ސަރަހައްދެއް ޤާއިމުކުރަނީ

މާފަންނު މައިޒާނުގައި 295 ސައިކަލުގެ ޕާކިން ޒޯނާއި ކަސްރަތު ސަރަހައްދެއް ޤާއިމުކުރަނީ

Author
ހުސައިން
29 އޮގަސްޓް 2025 06:44
0

މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާނުގައި ތަރައްޤީގެ މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި 295 ސައިކަލު ޕާކުކުރެވޭ ޚާއްޞަ ޒޯނެއް ޤާއިމުކުރުމުގެ އިތުރުން ބަސް ސްޓޭންޑެއް ވެސް ތަރައްޤީކުރަން ނިންމާފައި ވެއެވެ.

36,153 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ފެތުރިފައިވާ މި މައިޒާނުގައި 496 އަކަފޫޓުގެ ކަސްރަތު ކުރުމަށް ޚާއްޞަ ސަރަހައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ތިމާވެށްޓާ ރައްޓެހި ގްރީން އޭރިއާއެއް ވެސް ތަރައްޤީކުރުމަށް ރާވާފައިވެއެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ މާލޭގައި ޕާކިންގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށާއި، މާފަންނުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ލުއިފަސޭހަތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން މި މައިޒާނުގައި ގިނަ އަދަދެއްގެ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުނެވެ. މި ގޮތުން ހިޔާދޭ ބޮޑެތި ރުއްގަސްތަކާއި، ބަގީޗާ ޒީނަތްތެރިކުރާ ގަސްތަކާއި، މާ ގަހާއި، މޭވާ ގަސްތަކުގެ އިތުރުން ތަރުކާރީ ގަސްތައް ވެސް އިންދާފައިވެއެވެ.

މި މަޝްރޫޢު ފުރިހަމަކުރުމުގައި ރައްޔިތުންގެ ފަސޭހަތަކަށް ޚާއްޞަ އިސްކަމެއް ދެވިފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތުން މަސައްކަތް ނިމުމުން އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވެސް ނިންމާފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ޕާކިން ޒޯންތައް ތަރައްޤީކޮށް، ވެހިކަލް ޕާކުކުރުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. މިއީ މޭޔަރ އާދަމް ޢާޒިމްގެ ވެރިކަމުގައި މާލެ ސިޓީ އަމާން ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.