ޣައްޒާގައި އިސްރާއީލުން ޝަހީދު ކޮށްލި މީހުންގެ އަދަދު 63،000 އަށް އަރައިފި

ޣައްޒާގައި އިސްރާއީލުން ޝަހީދު ކޮށްލި މީހުންގެ އަދަދު 63،000 އަށް އަރައިފި

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2025 06:43
0

ފަލަސްތީނުގެ ޣައްޒާ ސިޓީގައި އިސްރާއީލުން ކުރިއަށް ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 63،025 އަށް އަރައިފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ މި ހަމަލާތަކުގައި 159،490 މީހުން ޒަޚަމްވެފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ޣައްޒާގެ އެކި ހިސާބުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 59 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އެހީތެރިކަން ހޯދުމުގެ މަސައްކަތުގައި އުޅުނު 23 މީހުން ހިމެނޭ ކަމަށް ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން 224 މީހުން ޒަޚަމްވެފައިވާ ކަމަށް ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމެރިކާގެ ފަރާތުން ޖީއެޗްއެފް މެދުވެރިކޮށް އެހީތެރިކަން ބެހުމުގެ އާ ނިޒާމެއް ތައާރަފުކުރި މެއި 27 ވަނަ ދުވަހުން ފެށިގެން މިހާތަނަށް، އެހީތެރިކަން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް 2،203 މީހުން ޝަހީދުވެފައިވާ ކަމަށާއި 16،228 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ދަތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މިންވަރު ހާމަކޮށްދޭ ތަފާސް ހިސާބެކެވެ.

ޣައްޒާގައި ދެމުންދާ މި އިންސާނީ ކާރިސާގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގިނަ އަދަދެއްގެ އާންމުން ޝަހީދުވަމުން ދާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުން މި ހާލަތު ހުއްޓުވުމަށް ގޮވާލަމުން އަންނަތާ އެތައް މަސްދުވަހެއް ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.