ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެގައުމުގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ ގާބިލުކަމަށް ޔަގީންކަން ހުރުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އެތަކެއް ޒަމާންތަކެއްގެ މައްޗަށް ދެމެހެއްޓިގެންދާނެ ގޮތަކަށް ކުރިމަގު ބިނާކުރުމަށް ޗައިނާއިން އަހައްމިއްޔަތު ދޭކަމަށެވެ. މިވަގުތު އެންމެ މުހިންމު ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަށަވަރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތާމެދު ގިނަ ފަރާތްތަކުން ކަންބޮޑުވާކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، މާލީ ހާލަތު ރަނގަޅުވެގެންދާނީ އިޖްތިމާއީ އަދި ސިޔާސީ ހަމަޖެހުން ގާއިމުވެގެންކަމަށެވެ. ބޭނުންތެރި އިސްލާހުތައް ގެނައުމަށް ޖާގައާއި ވަގުތު ލިބޭނީވެސް އެފަދަ މާހައުލެއް އުފެދިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރަންޏާއި ހަރަދުތައް ބޮޑުނުކޮށް ބޭނުންކުރެވޭ ފައިސާ މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ކޮންގް ވިދާޅުވިއެވެ. މިއީ އުނދަގޫ މަސައްކަތެއް ނަމަވެސް، މާލީ ދާއިރާގައި ޗައިނާއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ރާއްޖެއަށް އެންމެ ރަނގަޅު ހައްލުތައް ގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، ހައްލުތައް ގެނައުމުގެ މަސައްކަތް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ގާބިލުކަމަށް އިތުބާރުކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މެދުރާސްތާގައި ޗައިނާގެ އެހީގައި ކުރިއަށްގެންދާ ތިން ބޮޑު މަޝްރޫއުގެ މަސައްކަތް ފެށޭނެކަމަށް ސަފީރު މައުލޫމާތު ދެއްވިއެވެ. އެއީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމާއި، 50 ކައުންސިލް އިމާރާތް ބިނާކުރުމެވެ. ހޮސްޕިޓަލް މަޝްރޫއު މިހާރު އޮތީ ބިޑިންގް މަރުހަލާގައިކަމަށާއި، މަގުތައް ތަރައްގީކުރުމުގެ ފީސިބިލިޓީ ދިރާސާ ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހާސިލުވާނެކަމަށް ސަފީރު ކޮންގް އިޝާރާތްކުރެއްވިއެވެ.
ދުރުރާސްތާގެ ތަސައްވުރެއްގެ ގޮތުން، ރާއްޖެއަށް ޗައިނާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުކޮށް، އިގްތިސާދީ ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުކުރުން މުހިންމުކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވައެވެ. ބައެއް ފަރާތްތަކުން ރާއްޖެއަކީ ވަސީލަތް މަދު ގައުމެއްކަމަށް ބުނާއިރު، ޙަގީގަތުގައި ރާއްޖެއަކީ ވަސީލަތްތަކުގެ ގޮތުން މުއްސަނދި ގައުމެއްކަމަށް ސަފީރު ކޮންގް ޝިންހުއާ ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ