ރާއްޖޭގެ އެކްސްޕޯޓް 222 އިންސައްތަ އިތުރުވެ 210 މިލިޔަން ރުފިޔާއަށް

ރާއްޖޭގެ އެކްސްޕޯޓް 222 އިންސައްތަ އިތުރުވެ 210 މިލިޔަން ރުފިޔާއަށް

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2025 11:58
0

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން ބޭރުގައުމުތަކަށް އެކްސްޕޯޓްކުރާ މުދަލުގެ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ޖުލައިމަހު 65 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވުނުއިރު، މިއަހަރުގެ ހަމަ އެ މަހު 210 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވި، 222 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހަށް ބަލާއިރު، ޖުމްލަ 1.4 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކުރެވިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރެވުނު 945 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 52 އިންސައްތައިގެ އިތުރުވުމެކެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް މާކެޓުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މަސްވެރިކަމުގެ އުފެއްދުންތަކެވެ. ގަނޑުކުރި އަދި ފިނިކުރި ކަނޑުމަސް އަދި މަހުން ތައްޔާރުކުރެވޭ އެކިއެކި ބާވަތްތަކަކީ ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރާ މުދަލެވެ. މި މުދާ އެންމެ ބޮޑަށް އެކްސްޕޯޓުކުރެވެނީ ތައިލެންޑަށް ކަމަށްވާއިރު، ފުރަތަމަ ހަތް މަސްދުވަހު އެ ގައުމަށް 809.44 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވިފައިވެއެވެ. އިނގިރޭސިވިލާތަށް 252.46 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވި، ދެވަނަ އެންމެ ބޮޑު އެކްސްޕޯޓް މާކެޓުގެ ގޮތުގައި ހިމެނިފައިވެއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓުކުރުމަށް ބަލާއިރު، ޖުލައިމަހު އެކަނި 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކުރެވިފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޗައިނާއިން 712 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވި، އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުގެ ގޮތުގައި ހިމެނިފައިވާއިރު، އިންޑިއާއިން 704 މިލިޔަން ރުފިޔާ، ޔޫއޭއީން 622 މިލިޔަން ރުފިޔާ، އޮމާނުން 513 މިލިޔަން ރުފިޔާ އަދި ސިންގަޕޫރުން 432 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކުރެވިފައިވެއެވެ.

އިމްޕޯޓް އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހު 295 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު މި އާމްދަނީ ހުރީ 364 މިލިޔަން ރުފިޔާގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.