ނޫސްވެރިންގެ މުޒާހިރާއިން އެއްވެސް ނޫސްވެރިޔަކު ހައްޔަރެއް ނުކުރޭ: އިހުސާން

ނޫސްވެރިންގެ މުޒާހިރާއިން އެއްވެސް ނޫސްވެރިޔަކު ހައްޔަރެއް ނުކުރޭ: އިހުސާން

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2025 07:00
0

މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާ ދެކޮޅަށް ނޫސްވެރިން އިއްޔެ ކުރަމުންދިޔަ އިހުތިޖާޖުގައި ބައިވެރިވި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވެފައިވަނީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ މުޒާހަރާގެ ތެރެއިން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

އަދި ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައިކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައެވެ.

ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ޤާނޫނާ ޚިލާފު އަމަލެއްކަމަށްވެސް މިނިސްޓަރ އިހުސާންގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންވެސް ބުނީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ނޫސްވެރިންނަށް ގްރީންޒޯނުން ދިއުމަށް އިރުޝާދު ދެއްވިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.