ތައުލީމީ ވުޒާރާއިން ދަރިވަރުން ސްކޫލް ބަދަލުކުރުމާ ގުޅޭ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މިގޮތުން 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރެއްގެ ތެރޭގައި ދަރިވަރުންނަށް ސްކޫލް ބަދަލުކުރެވޭނީ ހަމައެކަނި ދެ ފަހަރު ކަމަށް ކަނޑައަޅައިފިއެވެ.
ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު މުހައްމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ބަދަލަކީ ދަރިވަރުންގެ އުނގެނުމަށް ފައިދާހުރި ގޮތަކަށް ގެނެވުނު ބަދަލެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރިން އޮތް އުސޫލުގައި ދިރާސީ އަހަރެއްގެ ކޮންމެ ވަގުތެއްގައިވެސް ސްކޫލް ބަދަލުކުރެވޭ ގޮތަށް އޮތުމުން، ބައެއް ބެލެނިވެރިން އެއް ދަރިވަރަކު އަހަރެއްގެ ތެރޭގައި ތިން ފަހަރަށްވެސް ސްކޫލް ބަދަލުކުރަން އެދޭ ހާލަތްތައް މެދުވެރިވެއެވެ.
އާ އުސޫލުގެ ދަށުން، ދިރާސީ އަހަރުގެ ފުރަތަމަ ޓާމަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ދަރިވަރުން، ކުރީ އަހަރުގެ ދެވަނަ ޓާމް ނިމުމުގެ އެއް މަސް ކުރިން ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓާމަށް ބަދަލުވަން ބޭނުންވާނަމަ، ފުރަތަމަ ޓާމް ނިމުމުގެ އެއް މަސް ކުރިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންޖެހޭނެ ކަމަށް ޑރ. އަހްމަދު ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ފުރަތަމަ ސްކޫލް ޓްރާންސްފާ ޕީރިއަޑްގެ ގޮތުގައި 17 މެއި އިން 15 ޖޫން އަށް ކަނޑައަޅާފައިވާއިރު، ދެވަނަ ޓްރާންސްފާ ޕީރިއަޑަކީ 18 އޮކްޓޯބަރުން 17 ނޮވެމްބަރަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، ގިނަ ފަހަރަށް ސްކޫލް ބަދަލުވުމުން ދަރިވަރުންގެ އުނގެނުމަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށާއި، އެއްކޮށް ކިޔަވާ ކުދިންނާއި މާހައުލު ބަދަލުވުމުން ދަރިވަރުން ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށްގެން މި ބަދަލު ގެނައި ކަމަށެވެ. ނަމަވެސް މެޑިކަލް ސަބަބުތަކާއި އެހެނިހެން ހާއްސަ ހާލަތްތަކުގައި، ކޭސް ބައި ކޭސް އުސޫލުން ބަލައިގެން ސްކޫލް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. އަހްމަދު އިތުރަށް ފާހަގަކުރެއްވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް، މިސާލަކަށް ސިންގަޕޫރ ފަދަ ތަންތާނގައި، ދިރާސީ އަހަރުގެ ތެރޭގައި ކޮންމެ ވަގުތަކު ސްކޫލް ބަދަލުކުރުމުގެ ބަދަލުގައި، ވަކި މުއްދަތުތަކެއް ކަނޑައަޅައިގެން މި ކަންތައް ކުރާ ކަމަށެވެ. މާލެ ސިޓީގައި ވަރަށް ފަސޭހަކަމާއެކު އަހަރުގެ ކޮންމެ ވަގުތަކު ސްކޫލް ބަދަލުކުރުމުގެ ސަގާފަތު އޮތް ނަމަވެސް، މިއީ ދަރިވަރުންގެ ތައުލީމީ ފެންވަރަށް ބަލާއިރު އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ