ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، 15 މިލިޔަން ސްރީ ލަންކަން ރުޕީގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
އޮގަސްޓު 22 ގައި ހައްޔަރުކުރި ވިކްރަމަސިންހަ ދޫކޮށްލުމަށް ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ނިންމީ، އޮގަސްޓު 26 ގައި ބޭއްވި އަޑުއެހުމުގައެވެ. ޞިއްޙީ ޙާލަތު ދެރަވުމާ ގުޅިގެން ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ވިކްރަމަސިންހަ، އަޑުއެހުމުގައި ބައިވެރިވީ ޒޫމް މެދުވެރިކޮށެވެ.
ސީއައިޑީން ތަޙުޤީޤު ކުރަނީ، 2023 ސެޕްޓެންބަރުގައި ރައީސްކަމުގެ މަޤާމުގައި ހުންނަވަނިކޮށް ލަންޑަނަށް ކުރި އަމިއްލަ ދަތުރަކަށް ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ރުޕީސް (58,176 ޑޮލަރު) ޚަރަދުކުރި މައްސަލައެވެ. އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 10 މީހުންނާއެކު ކުރި މި ދަތުރުގައި ޚަރަދުކުރި ފައިސާއަކީ ނަހަމަ ޚަރަދެއް ކަމަށް ތަޙުޤީޤު އިދާރާއިން ބުނެއެވެ.
ނަމަވެސް ވިކްރަމަސިންހަގެ ވަކީލުން ބުނީ، ޤައުމީ އޯޑިޓު އިދާރާއިން މި މައްސަލަ ބެލިއިރު ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ހެއްކެއް ނުފެންނަ ކަމަށެވެ. އަދި ހިތުގެ ހަތަރު ލޭހޮޅީގެ ތެރެއިން ތިން ހޮޅި ބެދިފައިވާ ވިކްރަމަސިންހަގެ ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށް ކަފާލާތުގައި ދޫކޮށްލުމަށް ވަކީލުން އެދުނެވެ.
މި މައްސަލައިގެ ފުރަތަމަ ޝަރީޢަތުގެ އަޑުއެހުން ބާއްވާނީ އޮކްޓޯބަރު 29 ގައެވެ.
ކޮމެންޓު ފޮނުވާ