ޖުލައި މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 93 މައްސަލަ؛ އަންހެން ކުދިން ޝިކާރައަކަށް ވާ މިންވަރު މަތި

ޖުލައި މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 93 މައްސަލަ؛ އަންހެން ކުދިން ޝިކާރައަކަށް ވާ މިންވަރު މަތި

Author
ހުސައިން
26 އޮގަސްޓް 2025 01:30
0

ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ޖުލައި މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 93 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގެ ބޮޑު ބައެއްގައި ޝިކާރައަކަށް ވެފައިވަނީ އަންހެން ކުދިންނެވެ.

ރިޕޯޓުކުރެވުނު 93 މައްސަލައިގެ ތެރެއިން 56 މައްސަލައެއް ގުޅިފައިވަނީ އަންހެން ކުދިންނާއެވެ. ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަތަކުގެ އަދަދު ވަނީ 37 ގައެވެ. މިއީ ކަންބޮޑުވުން އުފައްދާ ތަފާތެއް ކަމަށް ފެނެއެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހިމެނެނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މިފަދަ 24 މައްސަލައެއް ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރެއިން 18 މައްސަލައެއްގެ ޝިކާރައަކީ އަންހެން ކުދިންނެވެ. ޖިންސީ ހާނިއްކަ ލިބިފައިވާ ފިރިހެން ކުދިންގެ އަދަދު ހުރީ ހައެއްގައެވެ.

ދެވަނައަށް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ޖުލައި މަހު މިފަދަ 21 މައްސަލައެއް ހުށަހެޅިފައިވާއިރު، 11 އަންހެން ކުދިންނާއި 10 ފިރިހެން ކުދިން މި މައްސަލަތަކުގެ ޝިކާރައަށް ވެފައިވެއެވެ.

މީގެ އިތުރުން ކުދިންނަށް އިހުމާލުވުމުގެ 17 މައްސަލައާއި، ނަފްސާނީ އަނިޔާގެ 9 މައްސަލައާއި، ބްލެކްމެއިލް ކުރުމުގެ 8 މައްސަލައެއް ވެސް ޖުލައި މަހުގެ ތެރޭގައި ރިޕޯޓުކުރެވިފައިވެއެވެ. އަދި ގެވެށި އަނިޔާ ދެއްކުމާއި، ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި، އިންޓަނެޓް މެދުވެރިކޮށް ގަނާކުރުން ފަދަ މައްސަލަތައް ވެސް ހިމެނިފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފާހަގަކުރެވެއެވެ.

މި ތަފާސް ހިސާބުތަކުން ފާހަގަވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމަށާއި، ޚާއްޞަކޮށް އަންހެން ކުދިން ރައްކާތެރިކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.