ބީއެމްއެލްއިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފްތާގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމާނެ

ބީއެމްއެލްއިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފްތާގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމާނެ

Author
ހުސައިން
25 އޮގަސްޓް 2025 10:13
0

ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ހދ. ފިނޭގައި ސެލްފް-ސެރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ. ބޭންކުގެ އަމާޒަކީ މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ފިނޭ އާއި މި އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސއްކަތުގެ ހެއްކެއް. މިހާރު މިރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ޚިދުމަތް ލިބޭނެ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 204 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.