ރެޑްވޭވް މޯލުން ސެންޓް ފުޅި ވަގަށް ނެގި މީހަކަށް ޖަލު ހުކުމެއް

ރެޑްވޭވް މޯލުން ސެންޓް ފުޅި ވަގަށް ނެގި މީހަކަށް ޖަލު ހުކުމެއް

Author
ހުސައިން
23 އޮގަސްޓް 2025 07:54
0

ރެޑްވޭވް މޯލުން ސެންޓް ފުޅިއެއް ވަގަށް ނަގައި، އެއަށް ކަނޑައެޅި ޖޫރިމަނާ ނުދެއްކުމުން ޏ. ފުވައްމުލައް ފުނާޑު، އުޑުވިލާ މުހައްމަދަށް އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު މާލޭގެ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް މޯލުން "ޖަސްޓް ކޯލްމީ" ބްރޭންޑުގެ ސެންޓް ފުޅިއެއް ނަގައި، އޭނާގެ ޖިންސާއި ބަނޑާ ދޭތެރެއަށް ފޮރުވާފައިވާ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަށުންނެވެ.

މުހައްމަދު ވަނީ މި ކުށް ކުރިކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން ކޯޓުން ފުރަތަމަ ކުރި ހުކުމުގައި އޭނާއަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއެކު 9600 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅައި، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައިވެއެވެ.

އެހެންނަމަވެސް ކަނޑައެޅި މުއްދަތުގައި މުހައްމަދު ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވުމުން، ކޯޓުން ވަނީ އޭނާގެ އަދަބު މުރާޖައާކޮށްފައެވެ. މުރާޖައާގެ މަރުހަލާގައި ވެސް އޭނާ ޖޫރިމަނާގެ ފައިސާގެ އެއްވެސް ބައެއް ދައްކާފައި ނުވާކަން ސާބިތުވުމާ ގުޅިގެން، ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ނިންމީ 9600 ރުފިޔާގެ ޖޫރިމަނާގެ ބަދަލުގައި އޭނާ އެއް މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.

މިއީ ޖޫރިމަނާގެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ ހާލަތަކަށް ގޮސްފައިވާ މައްސަލައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.