މަތިވެރީ ކައުންސިލަށް ކާޒާ މިއާއިން ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ ނުލިބި އެބަހުރި: އޮޑިޓް

މަތިވެރީ ކައުންސިލަށް ކާޒާ މިއާއިން ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ ނުލިބި އެބަހުރި: އޮޑިޓް

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2025 07:52
0

އއ.މަތިވެރީ ކައުންސިލުން ކާޒާ މިއާ ގެސްޓްހައުސް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބިފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މަތިވެރީ ކައުންސިލްގެ މިދިޔަ އަހަރުގެ ކޮމްޕްލައިއަންސް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާޒާ މިއާ ގެސްޓްހައުސް ހިންގުމަށްޓަކައި ކައުންސިލުން 46،880 އަކަފޫޓުގެ ދެ ބިމެއް ކުއްޔަށް ދޫކޮށްފައިވެއެވެ. މި ބިންތައް ފުރަތަމަ ކުއްޔަށް ހިފި އަބްދުއްރައްޒާގުގެ ފަރާތުން ބިމުކުލީ، ޖޫރިމަނާ އަދި ސީއެސްއާރުގެ ގޮތުގައި ޖުމްލަ 2.6 މިލިއަން ރުފިޔާ ދައްކަންޖެހޭ ނަމަވެސް، މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ދައްކާފައިވަނީ ހަމައެކަނި 800،000 ރުފިޔާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ބިންތަކުގެ އެގްރީމެންޓް ފަހުން ވިޔަފާރިވެރިޔާ ހެންވޭރު ތިމާވެށި ޢަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް ބަދަލުކުރެވުނު ނަމަވެސް، މިހާތަނަށް ނުދައްކައި ހުރި 2.2 މިލިއަން ރުފިޔާ ހޯދުމަށް ކައުންސިލް އިދާރާއިން މާލިއްޔަތު ގަވާއިދުގައި ބުނާ ފިޔަވަޅުތައް އަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެއެވެ.

ކާޒާ މިއާއާ ގުޅޭ މައްސަލަތައް އިތުރަށް ގޯސްވެ، މިދިޔަ ސަރުކާރުން ކައުންސިލަށް އެންގުމެއް ނެތި 50 އަހަރު ދުވަހަށް ރިޗް ކްލަބް މޯލްޑިވްސްއަށް އެތަން ކުއްޔަށް ދީފައިވާ ނަމަވެސް، ރައީސް ޑރ.މުއިއްޒު މިފަހުން މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ކާޒާ މިއާ ގެސްޓްހައުސް މަތިވެރީ ކައުންސިލަށް ދެއްވުމަށް ނިންމަވާފައިވެއެވެ. މި ނިންމުމާ އެއްގޮތަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު މަތިވެރީ ކައުންސިލަށް ކާޒާ މިއާ ދިންކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އޮގަސްޓް 14 ގައި ރިޗް ކްލަބާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް އެ ކުންފުންޏަށް ސިޓީ ފޮނުވުމުން، ރިޗް ކްލަބުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެއްބަސްވުން ބާތިލްކުރުން ހުއްޓުވައިދިނުމަށް އަމުރަކަށް އެދުނެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ އއ.މަތިވެރީގައި މެޖިސްޓްރޭޓް ކޯޓެއް ހުންނާތީ، އެ ރަށުގެ އިޚްތިޞާޞް ހިނގަނީ އެ ކޯޓަށް ކަމުގައިވާތީ، ސިވިލް ކޯޓަށް އެ އަމުރެއް ނެރެދެވޭނެ ކަމަށް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.